ރިޕޯޓް

ބަދަލު ގެންނަން އިގްތިސޯދު ހަލާކު ކުރަންޖެހޭތަ؟

Aug 18, 2016
1

ޑިމޮކްރެޓިކް ނިޒާމުތަކުގައި ގައުމުގެ ސިޔާސީ ހާލަތު ބަދަލު ކުރަން އޮންނ ގޮތަކީ އެ ގައުމެއްގެ އިގްތިސާދު ހަލާކު ކޮށްލައިގެން އެކަން ކުރުމެއް ނޫނެވެ. މި ވާހަކައާ އެއް ބަސް ނުވާނެ ބަޔަކު ވެސް މިހާރު ތިބެ ދާނެ އެވެ؟

ނަމަވެސް ބަލި ރަނގަޅުވާނީ "ހިތި ބޭސް ބޮއެގެނޭ" ބުނާ އުސޫލުން މި ވާހަކައަކީ އަޑު އަހަން އެހާ ހިތާ ނުވާ ވާހަކައަކަށްވީ ނަމަވެސް މިއީ ހަގީގަތެވެ. ޑިމޮކްރަސީގެ ހެދުން އަޅައި، މިނިވަންކަމުގެ ފައްޓަރުބައި ކަރަށް މަހާލައިގެން ތިބި ބައެއް ދިވެހިންގެ އަމަލުތައް އެހެން ހުރެ އެވެ. ރާއްޖޭން ބޭރުގައި ތިބެ ރާއްޖެ ބޮއިކޮޓް ކުރަން ވާހަކަ ދެއްކުމަކީ އެފަދަ ފަރާތްތައް ހިތާވާ ކަމެކެވެ. ރާއްޖެއަށް ޓޫރިސްޓުން ނައުމަށާއި ރާއްޖެއަކީ ބިރުވެރި، ނުރައްކާތެރި "ނަރަކަ" އެއް ފަދަ ތަނެއްގެ ގޮތުގައި ސިފަކޮށް ދޭން މިލިއަން ޑޮލަރު ހޭދަ ކުރެ އެވެ.

މިކަމުގައި އޮތް އެންމެ ބޮޑު ދެރައަކީ މީގެ އަޑީގައި އިސްކޮށް ތިބެނީ ދިވެހިންގެ މަދު ބަޔަކަށް ކަމަށްވުމެވެ. އަދި އެ މީހުން މިޒާތުގެ ކަންތައްތަކަށް ވަރަށް ޝައުގުވެރިކަން ވެސް ހުންނާތީތާ އެވެ! ރާއްޖެއަށް ގެއްލުންދޭން ޔޫރަޕުގެ އެއް ގައުމުން އަނެއް ގައުމަށް ބޮޑެތި ޓީމުތައް ގޮވައިގެން ކަމާ ކަންފަށައި ދަތުރުކޮށްލަ އެވެ.

މި އަހަރު ބޭއްވި "އައިޓީބީ ބާލިން ފެއާ" އަށް ވެސް މިފަދަ ޓީމެއް ބޮޑު ހަރަދުކޮށްފައި ދަތުރުކުރި އެވެ. ދިވެހިން އިސްކޮށް ތިބި އެ ޓީމް ބާލިންއަށް ގޮސް ނިންމާލީ "ވިއްކަން" ބޭނުންވި "ޕްރޮޑަކްޓް" ވިއްކާފަ އެވެ.

ރާއްޖޭ އިޝްތިހާރު ކުރަން ބޮޑު ހޭދައެއް ކޮށްގެން ގޮސް ރާއްޖޭގެ ރީތިކަމާއި ރާއްޖެ އަންނަ ޖެހޭ ސަބަބުން އެއް ބަޔަކު ކިޔައިދެމުން ދިޔައިރު، މި ދެންނެވި ޓީމް ހިފައިގެން ދިޔަ ދޮލަނގުގައި ހުރީ ރާއްޖެއަށް ނާންނަންވީ ސަބަބުތަކުގެ ވާހަކަ އެވެ. މިއީ ރާއްޖެއަށް ހެޔޮ އެދުން ހެއްޔެވެ؟

އަބަދުވެސް "ބެސްޓް ޕްރެކްޓިސް" ކުރިޔަށް އަންނާތީ ކުރި އަރައި، އަދި ދިވެހިން އާއްމުކޮށްދާ އިގްތިސާދުތަކުގައި މިފަދަ ކަންކން އޮންނަނީ ކިހިނެއްތޯ ބަލައިލުން ވެސް ރަނގަޅެވެ.

އޭގެ އެއް މިސާލަކީ ތައިލޭންޑެވެ. އެ ގައުމުގައި އޮންނަނީ ކޮން ޒާތެއްގެ ޓޫރިޒަމެއް ކަން ނޭނގޭ މީހަކު މަދުވާނެ އެވެ. އެކަމަކު ތައިލޭންޑްގައި އޮތް އެ ޓޫރިޒަމްގެ ވާހަކަ ނުގޮވަ އެވެ. ސަބަބަކީ އެ މީހުންގެ ހިތުގައި ގައުމީ ލޯބި އޮތުމެވެ. ގައުމެއްގައި ނަމަ ދައްކާ ހާމަކޮށްގެން ނުވާނެ ވާހަކަތައް ވެސް ހުރެ އެވެ. ފަރުދީ ޒިންމާވެސް އޮވެ އެވެ.

ރާއްޖޭގެ ހާލަތަށް ބަލައިލާއިރު ދައްކަން އުޅޭ ވާހަކައަކީ ހައްދު ފަހަނަ އަޅާފައިވާ އައިއެސް އާއި ރާއްޖެއާ ގުޅުވައިގެން ދައްކާ ބޮޑު ވާހަކަ އެވެ. ރާއްޖޭގައިވެސް ކޮންމެވެސް ބަޔަކު ހަނގުރާމައިގެ ނަމުގައި ބޭރުވާކަން އެންމެނަށް އެނގެ އެވެ. މިއީ ދެރަ ކަމެވެ. ހުއްޓުވަން ވެސް ޖެހޭ ކަމެކެވެ. ނަމަވެސް ބަޔަކު މިއަދު މި ވަނީ މިއީ އެ މީހުންނާއި އެކަން އެއީ މާކެޓިން ޓޫލްއަކަށް ހަދައި، އެ ވިއްކަން ނުކުމެފަ އެވެ. އޭގެ ކަން ބޮޑުވުން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ވެސް ވަނީ ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު ވިދާޅުވި ގޮތުގައި ކުރިން ރާއްޖެ ބޮއިކޮޓް ކުރި މީހުން މި އަދު މިވަނީ މުޅިންއާ ގޮތަކަށް މަސައްކަތް ބަދަލުކޮށްފަ އެވެ. ގެއްލުން ރާއްޖެއަށް ބޮޑުވާ ގޮތަށެވެ.

"މި ގޮތަށް ވާހަކަ ދެއްކީމަ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުންވޭ. މިގޮތަށް ވާހަކަ ދެއްކުމުން ރާއްޖެއަށް އަންނަން ހުރި އިންވެސްޓަރުންނާއި ރާއްޖޭގެ ޓްރެވަލް ކުންފުނިތަކުން މިކަމުގެ މައުލޫމާތު ސާފު ކުރަން އީ-މެއިލް އާއި މިނޫން ވެސް ގޮތް ގޮތުން އަޅުގަނޑުމެން [ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ] އަށް އަންގަމުން ދޭ. މިކަމާ ވަރަށް ކަންބޮޑުވޭ. މި ކަންތައް ހުއްޓާލަން ޖެހޭ،" އާސިފު ވިދާޅުވި އެވެ.