މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

Aug 18, 2016

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ އާންމުންގެ މެންބަރުކަމުގެ މަގާމަށް މެންބަރަކަށް ހޮވުމަށް ބާއްވާ އިންތިހާބު ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ. ރަޖިސްޓްރީ ކުރުން އޮންނާނީ މި މަހުގެ 25،24،23 މިތިން ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 12:00 އަށެވެ.

ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލިއިރު އިންތިހާބު ބާއްވާނެ ދުވަސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 26 ގައެވެ.

އެމްއެމްސީގެ އިންތިހާބުގައި ވޯޓުދެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލްކުރާ އެކަކަށެވެ.

މީޑިއާ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ އާންމު މެންބަރު ކަމުގައި އިންނެވި ލީޝާ މުހައްމަދު ކައުންސިލުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އާންމު މެންބަރެއްގެ ގޮތުގައި ލީޝާ މީޑިއާ ކައުންސިލަށް އިންތިހާބުވީ 2014 ވަނަ އަހަރު އެވެ.

މީޑިއާ ކައުންސިލްގައި ތިއްބަވަނީ 15 މެންބަރުންނެވެ. އޭގެ ތެރެއިން މިހާރު ތިއްބެވީ މުހައްމަދު އާސިފާއި އަހުމަދު ޝަރީފް ނަފީސް އާއި ހިދާޔަތު ﷲ އާއި އަހުމަދު ހަމްދޫނާއި ހަފްސީ އަބްދުﷲ އާއި މުހައްމަދު ރަފީގާއި މުހައްމަދު އަފްޒަލް އާމިރު އާއި
މުހައްމަދު އާމިރު އަހުމަދާއި ހުސައިން ހަސަނާއި އައިމިނަތު ހަސަނާއި މުހައްމަދު މުރާދާއި އަހުމަދު ޒަކީ ނާފިޒާއި އަހުމަދު މިޒްމާދާއި އަބްދުއްލަތީފް އަހުމަދެވެ.