ޓޫރިޒަމް

ސަޓާ އެވޯޑް: ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

Aug 21, 2016
  • ވޯޓުލުން އޮކްޓޫބަރު ފަހެއްގެ ނިޔަލަށް
  • 200 އަށްވުރެ ގިނަ ފަރާތް ނޮމިނޭޓް ވެފައި
  • ރާއްޖޭގެ ގިނަ ފަރާތްތަކެއް ހިމެނޭ

އޭޝިޔާ ސަރަހައްދުގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ "ސަޓާ" އެވޯޑަށް ވޯޓު ދޭން ހުޅުވާލުމާއެކު ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ސްރީލަންކާގެ ކޮލަމްބޯގައި އޮންނަ، ސަޓާ އެވޯޑް އިންތިޒާމު ކުރަނީ ރާއްޖޭގެ "ހައިރައިޒް" އިންނެވެ.

އެވޯޑަށް ވޯޓް ދިނުމަށް އޮންލައިން މެދުވެރިކޮށް ހުޅުވައިލުމާއެކު، ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުން އެވޯޑަށް ނޮމިނޭޓްކޮށް، ވޯޓުލުން ވަނީ ފެށިފަ އެވެ. މި އެވޯޑުގައި ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ކުރިމަތިލެވެ އެވެ. މި އެވޯޑަށް 200 އަށްވުރެ ގިނަ ފަރާތުން ނޮމިނޭޓް ކޮށްފައިވެ އެވެ. އެވޯޑަށް ވޯޓުލުން އަންނަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ސަޓާ އެވޯޑް، 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.

ސަޓާ އެވޯޑުގައި ޖަޖުންގެ ގޮތުގައި ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިޔާ، މިއިން ކޮންމެ ގައުމަކުން ދެ މީހުން ބައިވެރިވާނެ އެވެ.

"ހައިރައިޒް" އިން ބުނީ މި އެވޯޑަކީ ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތަކުން ސަޕޯޓާއެކު ބަލައިގަނެގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް އެވޯޑު ކަމަށެވެ. އެވޯޑުގައި ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ) އާއި ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާގެ އިތުރުން ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ ބަލައިގެންފައިވެ އެވެ.

މީގެ އިތުރުން އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) ހިމެނެ އެވެ. މީގެ އިތުރުން ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ބަލައިގެންފައިވެ އެވެ. އަދި ރާއްޖޭން މި އެވޯޑު ބަލައިގެންފައިވާ ޖަމިއްޔާތަކުގެ ތެރޭގައި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އަދި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ހިމެނެ އެވެ.