މޫސުން

ކުރިއަަށް އޮތް 24 ގަޑިއިރަށް މޫސުން ވަރަށް ގޯސް!

Aug 21, 2016

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މޫސުން އެންމެ ބޮަޑަށް ގޯސްވާނީ ޅ. އަތޮޅާއި ސ. އަތޮޅާ ދެމެދަށެވެ. އެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ބުންޏެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި ، ވައި ގަދަވެ އަދި ކަނޑުތައް ގަދަވާނެތީވެ އާންމުކޮށް އެންމެހާ ފަރާތްތަކުން އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުމާއި ނަކަތް

ރާއްޖޭގައި މިހާރު މިއީ ހުޅަނގު މޫސުމެވެ. މިހާރު ގުނަމުން ދަނީ ހުޅަނގު މޫސުމުގެ 10 ވަނަ ނަކަތް ކަމަށްވާ މާ ނަކަތެެވެ. މާ ނަކަތް ނިމެނީ އަންނަ އަންގާރަ ދުވަހު އެވެ. ވިއްސާރަ ކުރި ނަމަވެސް މާ ނަކަތަކީ އާންމު ގޮތެއްގައި އާދައިގެ މޫސުމެއް އޮންނަ ނަކަތެކެވެ.