ވިޔަފާރި

120 ސްޓޯލާއެކު ފުޑް އެންޑް ހޮސްޕިޓާލިޓީ ފެއާ ހުޅުވައިފި

Aug 22, 2016
  • ފެއާ ހުޅުވިފައި ހުންނާނީ ބުދަ ދުވަހާ ހަމައަށް
  • ޖުމްލަ 45 ކުންފުންޏަކުން ބައިވެރިވޭ
  • އާއްމުނަށްވެސް ވަނީ ހުޅުވާލާފައި

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާ 120 ސްޓޯލާ އެކު ދަރުބާރުގޭގައި މިއަދު ހުޅުވައިފި އެވެ.

"ދިވެހިއެކްސްޕޯ" އިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއާ، ދަރުބާރުގޭގައި ހުޅުއްވައި ދެއްވީ އިކޮނޮމިކް މުހައްމަދު ސައީދު އެވެ.

އެފްއެޗްއޭއެމް ހުޅައްވައި ދެއްވަމުން ސައީދު ވިދާޅުވީ މިފަދަ ފެއާތަކުން ދުނިޔޭގެ ވިޔަފާރިއާއި ރާއްޖޭގެ ވިޔަފާރި ގުޅުވައިދޭނެ ކަމަށެވެ.

"މި ފަދަ ފެއާތަކުން ވިޔަފާރީގެ ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެން މިދަނީ ހަގީގަތުގައި. މީގެން ހަގީގަތުގައި މިފަދަ ފެއާތަކުން ފައިދާ ލިބެނީ ގައުމަށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މި ފަދަ ފެއާތައް ބޭއްވުމުގައި ރަނގަޅު އިންތިޒާމުތަކެއް ޖައްސައިދިނުމަށް ކަމަށެވެ.

"ސަރުކާރުން ވިސްނުން ހުރީ މިފަދަ ފެއާތައް ބޭއްވުމަށް ތަންކޮޅެއް ބޮޑެތި ކޮންވެންޝަން ސެންޓަރުތަކެއް ހެދުން. އަލަށް ހެދޭ އިމާރާތްތަކުގައި މިފަދަ ވަރަށް ބޮޑެތި ސްޕޭން ހުންނާނެ. ހުޅުމާލޭގައި ވެސް ކޮންވެންޝަން ނުވަތަ މައިސް މާކެޓުތަކަށް ވަސީލަތް ގާއިމް ކުރަން،" ސައީދު ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭން ބޭރުގެ 45 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. މީގެ ތެރޭގައި އަވަށްޓެރި ގައުމުތަކާއި ޔޫރަޕުގެ ކުންފުނިތައް ވެސް ހިމެނެ އެވެ. މިފެއާގައި ޓޫރިޒަމް ދާއިރާއަށް ހިދުމަތްދޭ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ.