ވިޔަފާރި

މަގުބޫލުކަން އިތުރުވެ މަޓާޓޯ ޓްރެވަލް އެވޯޑަށް ބޮޑެތި ހޮޓެލް ޗެއިންތައް

Aug 23, 2016
  • އެވޯޑު އޮތީ ނޮވެމްބަރު މަހު
  • 200 އަށްވުރެ ގިނަ ނޮމިނޭޝަން
  • ބޮޑެތި ރިސޯޓުތަކުން ބައިވެރިވޭ

"މަޓާޓޯ ޓްރެވަލް އެވޯޑް" އަކީ ޓޫރިޒަމްގެ ބްރޭންޑެވެ. ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ އިން ޓޫރިޒަމް އިންޑަސްޓްރީއަށް ދޭ މި އެވޯޑު ބާއްވަން ތައްޔާރުވަމުންދާއިރު، މި އަހަރުގެ އެ ވޯޑަށް ނޮމިނޭޝަން ހުށަހަޅަން ހުޅުވައިލުމާއެކު ބޮޑެތި ހޮޓެލް ޗެއިންތަކުން ނޮމިނޭޝަންތައް ފޮނުވާފައިވާ ކަމަށް މަޓާޓޯ އިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މި އަހަރުގެ އެވޯޑުގެ 35 ކެޓަގަރީއަށް 243 ފަރާތަކުން ނޮމިނޭޝަން ފޮނުވާފައިވާއިރު، މީގެ ތެރޭގައި ބޮޑެތި ހޮޓެލް ޗެއިންތައް ވެސް ހިމެނޭ ކަމަށެވެ.

"ކުރިން ދުވަހަކު ވެސް ބައިވެރިނުވާ ހޮޓެލް ޗެއިންތަކުން ވަނީ ބައިވެރިވެފައި. އެހެންވެ ބުނެވޭނީ ވަރަށް ކާމިޔާބު ކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.

"ޖުމެއިރާ އާއި ކޮންޑްރެޓް ފަދަ ބޮޑެތި ޗެއިންތަކުން ވެސް ބައިވެރިވެފައިވޭ."

އޭނާ ވިދާޅުވީ މި އަހަރުގެ އެވޯޑުގެ މަގުބޫލުކަން އިތުރުވެފައިވަނީ އެ ޖަމިއްޔާގެ ދެ މުވައްޒަފުން ކަމަށްވާ ސެކްރެޓެރީ ޖެނެރަލް އިބްރާހިމް މުނާޒާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީރުގެ ބުރަ މަސައްކަތުން ކަމަށެވެ.

"އެވޯޑު ޕްރޮމޯޓް ކުރުމުގައި މި ދެ ބޭފުޅުންގެ ބުރަ މަސައްކަތް ފާހަގަ ކުރަން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އެވޯޑުގައި މަޓާޓޯ އިން ކުރާ މަސައްކަތް އިތުރުކޮށްފައިވާނެ ކަމަށެވެ.

"ކުރިން އަޅުގަނޑުމެންގެ ނުތިބޭނެ ފުލްޓައިމް މުވައްޒަފުންނެއް. ނަމަވެސް މިހާރު ފުލްޓައިމް ދެ މުވައްޒަފުންނާއެކު ކުރިއަށް މިދަނީ. އެހެންވެ އެވޯޑު ޕްރޮމޯޓް ކުރުމަށް ބުރަ މަސައްކަތަކެއް ކުރެވޭ،" އަބްދުﷲ ވިދާޅުވި އެވެ.

މަޓާޓޯ އިން ވަނީ މި އަހަރުގެ ޓްރެވަލް އެވޯޑު އިންތިޒާމު ކުރުމަށް ބިޑް އުސޫލުން ތިންކާ ވަނީ ހަވާލުކޮށްފަ އެވެ. އަދި މި އެވޯޑު ރީ-ބްރޭންޑްކޮށް ވަނީ "މޯލްޑިވްސް ޓްރެވަލް އެވޯޑު" ގެ ނަމުގައި ޕްރޮމޯޓް ކުރަން ފަށާފަ އެވެ. މި އަހަރު ގެންނަ ބަދަލާއެކު ބައެއް އާ ކެޓަގަރީތަކުންވެސް އެވޯޑު ދޭނެ އެވެ.

މި އަހަރު އަލަށް އެވޯޑުދޭނެ ފަސް ކެޓަގަރީ

  • ލީޑިން މާކެޓިން ޕްރޮގްރާމް
  • ލީޑިން ހިއުމަން ރިސޯޓް މެނޭޖުމަންޓް
  • ލީޑިން ގެސްޓް ހައުސް އައިލެންޑް
  • ލީޑިން އެފްއެންބީ އައުޓްލެޑް
  • ލީޑިން އެއާޕޯޓް ލައުންޖު

މި އަހަރުގެ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ.