މީހުން ހައްޖަށް ގެންދިއުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަންނަ އަހަރުން ފެށިގެން ބަދަލު ގެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ އިތުރުން މީހުން ހައްޖަށް ގެންގޮސްދޭ އަމިއްލަ ގްރޫޕްތަކުން އިތުރަށް ފައިސާ ނަގަން ނިންމާފައިވާ ކަމަށް އަދި އިންތިޒާމުތައް ހަމަނުޖެއްސޭ ކަމަށް ދެކެވޭ ވާހަކަތަކަށް ފުރުސަތު ނޯންނަ ގޮތަށް އުސޫލުތައް ބަދަލުކުރާނެ ކަމަށެވެ. މިހާރުވެސް އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެމައްސަލަ ބަލާނެ ކަމަށެވެ.
ހައްޖަށް މީހުން ގެންގޮސްދޭ އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކާއި އެއްގޮތަށް މީހުން އަތުން ފައިސާ ނަގާފައިވާއިރު އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް ހިދުމަތް ދޭތޯ ސައުދީގައި ހަރަކާތްތެރިވާ ރާއްޖޭގެ ހައްޖު މިޝަން ގްރޫޕުން ބަލާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މި ގްރޫޕްގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީގެ ހަ ބޭފުޅުން އަދި ކޮންމެ ހައްޖު ގްރޫޕަކުން ބޭފުޅެކެވެ.
"މިހާރު މައްކާގައި ހައްޖަށް ގޮސްތިބި ފަރާތްތަކުން ތިބޭ ހޮޓެލް ކައިރީގައި ހުންނާނެ ރާއްޖޭގެ ހައްޖު މިޝަން ގްރޫޕްގެ އޮފީސް. ދިވެހި ދައުލުތުގެ ނިޝާނާއި ދިދަ ފެންނަން ހުންނާނެ. ހައްޖު މިޝަންގެ ބޭފުޅުން ތިބޭނީ ހާއްސަ ޖެކެޓެއް ލައިގެން ރާއްޖޭގެ ހައްޖު މިޝަންގެ ބޭފުޅުންކަން އެނގޭގޮތަށް. އެބޭފުޅުން ހޮޓެލްތަކަށް ގޮސް ގަވާއިދުން ބަލައި ޗެކު ކުރާނެ ހިދުމަތްތައް ދޭ ގޮތް" މުސްތަފާ ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު ފުރާފައިވާއިރު މިހާރު މައްކާއަށް ގޮސްފައިވާ ގްރޫޕްތަކުން މިހާރު އަޅުކަން ފަށާފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. ހައްޖަށް ގޮސްފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ އަޕްޑޭޓް އަބަދުވެސް އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖް އަދި ޓުވިޓާ އިން ފެންނަން ހުންނާނެ ކަމަށެވެ.