މަސްތުވާތަކެތި

މަސްތުވާތަކެތި ޓްރެފިކްކުރި ޒުވާނަކު 12 އަހަރަށް ޖަލަށް

Aug 25, 2016
1

މަސްތުވާތަކެތި ޓްރެފިކްކުރި ޒުވާނަކު 12 އަހަރަށް ޖަލަށްލުމަށް އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި ޖަލު ހުކުމުގެ އިތުރުން އޭނާ ވަނީ 75,000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ހުކުމްކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫފޭދޫ، މާކަރީލައިޓް އަލީ އަހްސަން (24އ) ގެ މައްޗަށެވެ.

އަލީ އަހްސަންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގެ 16:00 ހާއިރު އައްޑޫ ސިޓީ ފޭދޫ އިން މިދޫއަށް ދިޔަ ފެރީއަކުން އޭނާ ފޭބިވަގުތު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ހައްޔަރަށް ގެންގޮސް، ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ހުރި ނުވަ ރަބަރު ޕެކެޓް ފެނުނު މައްސަލައާ ގުޅިގެންނެވެ.

މި ދައުވާ ބެލުމަށްފަހު އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ ދައުލަތުން އަލީ އަހްސަންގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާގެ އިއުތިރާފުވެފައިވާ ކަމަށެވެ. އޭނާ އިއުތިރާފުން ދައުވާގައި ބުނާ ދުވަހު އޭނާ ލައިގެންހުރި ބޮކްސާ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރުމަށްޓަކައި ގެންގުޅުނު ތަކެތިކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އަލީ އަހްސަންގެ މައްޗަށް 12 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 118 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމައްދާގެ (ނ) ގެ ދަށުންނެވެ. އޭނާގެ މައްޗަށް ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.