ވިޔަފާރި

"ހައުސްކީޕާ ސަމިޓް"އަށް ރާއްޖޭގެ 20 ހައުސްކީޕަރުން އިންޑިއާއަށް

Aug 27, 2016
1

"އިންޓަނޭޝަނަލް ހައުސްކީޕަރސް ސަމިޓް" ގައި ބައިވެރިވުމަށް ރާއްޖޭގެ 20 އެގްޒެކެޓިވް ހައުސްކީޕަރުން ރޭ ފުރައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ހައުސްކީޕާސް ފޯރަމްގެ ފައުންޑާ އަދި ރައީސް އަހްމަދު ސިއާރު ވިދާޅުވީ މި ސަމިޓަކީ މި ސަރަހައްދުގައި ބާއްވާ ފުރަތަމަ މިފަދަ ސަމިޓް ކަމަށެވެ. މޯލްޑިވްސް ހައުސްކީޕާސް ފޯރަމް އާއި އިންޑިޔާގެ ކްލީން އިންޑިޔާ ޖޯނަލް ގުޅިގެން ކުރިއަށް ގެންދާ ސަމިޓް ކުރިއަށްގެންދާނީ އޮގަސްޓް 27 ން 28 އަށެވެ. އިންޑިޔާ، ދުބާއީ އަދި ދޯހާގެ ހައުސްކީޕާސް އެސޯސިއޭޝަންތަކުން ވަނީ މި ސަމިޓް ބަލައިގަނެފަ އެވެ.

ސިއާރު ވިދާޅުވީ މި ސަމިޓުގެ ސަބަބުން އެގްޒެކެޓިވް ހައުސްކީޕަރުންނަށް މައުލޫމާތު ހިއްސާކޮށް، ހައުސްކީޕީންގ ދާއިރާއަށް އާ އީޖާދުތައް ތައާރަފްކޮށް، ހޮސްޕިޓާލިޓީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނޭ ކަމަށެވެ. އަދި، މިއީ ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކޮށް، ހައުސްކީޕިންގ ދާއިރާ ރީޑިފައިން ކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށްވެސް ސިއާރު ފާހަގަކުރެއްވި އެވެ

ދުނިޔޭގެ ހަތް ޤައުމަކުން 200 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވާ ސަމިޓުގައި އޭޝިޔާގެ ހައުސްކީޕިންގ އެސޯސިއޭޝަނެއް ގާއިމްކޮށް، މިދާއިރާއިން އެވޯޑްސް ދިނުމަށް މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށްވެސް ސިއާރު ވިދާޅުވި އެވެ.