ހައްޖުގެ އަޅުކަން

ހައްޖަށް ދިޔަ އެންމެން އުމްރާގެ އަޅުކަން ފުރިހަމަކޮށްފި

Aug 27, 2016
2

ހައްޖުގެ އަޅުކަން އަދާކުރަން މިއަހަރު މައްކާއަށް ދިޔަ ހުރިހާ ފަރާތްތަކުން އުމްރާގެ އަޅުކަން ފުރިހަމަކޮށްފި އެވެ.

މިއަހަރު ހައްޖުގެ އަޅުކަމަށް 2،000 މީހުން މައްކާއަށް ގޮސްފައިވެ އެވެ. އެއީ ހައްޖުކޯޕަރޭޝަނާއި އަމިއްލަ ފަސް ކުންފުންޏެއްގެ ހަވާލުގަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާގެ އަޅުކަން އަދާކުރުމަށްފަހު ހައްޖާޖީން މިއަދުގެ ވަގުތެއްގައި މަދީނާއަށް ދާނެ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ 500 މީހުން މިހާރު މަދީނާއަށް ގޮސްފައިވާ ކަމަށެވެ. މި ގްރޫޕްގެ ހައްޖާޖީން ދެ ދުވަހު މަދީނާގައި މަޑުކުރާނެ ކަމަށާއި އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދިޔަ އަނެއް 500 މީހުން ދާނީ މިގްރޫޕަށް ފަހު ކަމަށެވެ.

އެހެން ގްރޫޕްތަކުގެ ހަވާލުގައި ހައްޖަށްދިޔަ މީހުންވެސް މިއަދު މަދީނާއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހައްޖާޖީން މަދީނާގައި މަޑުކުރަން ހަމަޖެހިފައިވަނީ މަސްޖިދުއް ނަބަވީ ކައިރީގައި ހުންނަ ސަފާރުލްއީމާން ހޮޓަލުގަ އެވެ.

ހައްޖުގެ ކަންތައްތަކާއި ބެހޭ މަދީނާ އޮފީހުން މިއަހަރުވަނީ ޓުއާ ޕްރޮގްރާމެއް އިފްތިތާހް ކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން އިސްލާމީ ތާރީހުގެ މުހިންމު ތަންތަނަށް ހައްޖާޖީން ޒިޔާރަތްކުރުމާއި، އެ ޒިޔާރަތް ކުރާ ކުރުމުގައި އެތަންތަނާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން މަސްޖިދުއްނަބަވީގެ އިތުރުން އުހުދު ހަނގުރާމަ ހިނގި ތަނާއި ހަންދަގު ހަނގުރާމަ ހިނގި ތަން ފަދަ އާސާރީ ތަންތަނަށް އަދި އިސްލާމީ ތާރީހު ދައްކުވައިދޭ މައުރަޒުތަކަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހައްޖާޖީން މާލެ އައުމަށް ފަށާނީ ސެޕްޓެމްބަރުގެ 17 ވަނަ ދުވަހުއެވެ.