ދުނިޔެ

ބަނގުލަދޭޝްގެ އިދިކޮޅު ލީޑަރެއްގެ މަރުގެ އިސްތިއުނާފް ބަލައެއް ނުގަތް

Aug 30, 2016

ބަނުގުލަދޭޝްގެ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަމާއަތު އިސްލާމީ ބަނގުލަދޭޝް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ މީރް ގްސާމް އަލީ މަރަން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް މައްސަލަ އެންމެ މަތީ ކޯޓުން ބޭރުކޮށްލައިފި އެވެ.

ގްސާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ޕާކިސްތާނުގެ ދައުލަތާ ވަކިވުމަށް ބަންގާޅު ބަހުގެ އަހުލުވެރިން ހިންގި ހަރަކާތްތަކާ ގުޅިގެން ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ބުނެއެވެ.

ބަނގުލަދެޝްގެ އެންމެ މަތީ ކޯޓުން ވަނީ މާޗް މަހު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ވެސް މައްސަލަ ބޭރުކޮށްލާފައެވެ.

މީގެ ކުރިން ޖަމާއަތު އިސްލާމީ ޕާޓީގެ ތިން ލީޑަރެއްގެ މައްޗަށް ބަނގުލަދޭޝްގެ އެންމެ މަތީ ކޯޓުން އިއްވި މަރުގެ ހުކުމް ބަންގުލަދޭޝްގެ ސަރުކާރުން ވަނި ތަންފީޒުކޮށްފަ އެވެ.

މަރުގެ ހުކުމް މާފު ކުރުމުގެ ހައްގު މިހާރު އޮތީ ބަނގުލަދޭޝްގެ ރައީސް އަބްދުލް ހަމީދުގެ އަތްޕުޅު ގައެވެ.

"މަރުގެ ހުކުމުން މާފު ކުރުމަށް ރައީސަށް ހުށަހަޅާނީތޯ ނިންމާނީ ގްސާމްގެ އާއިލާއިން،" ގްސާމްގެ ވަކީލު ކަންދަހަރު މަހްބޫބް ހުސައިން ވިދާޅުވިއެވެ.

ބަނގުލަދޭޝްގެ ބަންޑާރަނައިބު މަހުބޫބޭ އަލަމް ވިދާޅުވީ ކޯޓުން އިއްވި މަރުގެ ހުކުމާ މެދު މުޅި ގައުމާއި އޭނާ ވެސް ހިތްހަމަޖެހޭ ކަމަށެވެ.

ގްސާމް އަލީއަށް އިއްވި މަރުގެ ހުކުމާ ގުޅިގެން އެމެނެސްޓީ އިންޓަނޭޝަނަލްއިން ވަނި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ބަނގުލަދޭޝްގެ ސަރުކާރަށް ގޮވާލާފަ އެވެ.

ޖާމާއަތު އިސްލާމީ ޕާޓީން ބުނީ ސަރުކާރުން މަސައްކަތް ކުރަނީ ޖަމާއަތު އިސްލާމީ ޕާޓީގެ ލީޑަރަކަށް ފަހު ލީޑަރެއް ނައްތާލަން ކަމަށެވެ. އަދި އެ ޕާޓީން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލާފައެވެ.