ވިޔަފާރި

20 މިލިއަން ޑޮލަރުގެ ކުޑަހުވަދޫ އެއާޕޯޓުގެ ބޮޑުބައި ނިމިއްޖެ

  • އެންމެ ހިތްގައިމު އެއް އެއާޕޯޓަށް ވާނެ
  • އެއާޕޯޓުގެ 70 ޕަސެންޓް ނިމިފައި
  • އެއާޕޯޓް ހުޅުވަނީ ދ. އަތޮޅުގައި

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރިއޯލޯ ކުންފުނިން ކުޑަހުވަހޫގައި ތަރައްގީކުރާ އެއާޕޯޓުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ރިއޯލޯ ކުންފުނީގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ އެއާޕޯޓުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި، އެއާޕޯޓް ނޮވެމްބަރު މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މަސައްކަތް މި ކުރަނީ ނޮވެމްބަރު މަހު ހުޅުވަން. މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް،" ހަލީލް ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ހަދާ އެއާޕޯޓު ތަރައްގީކުރަނީ ފެންވަރު ރަނގަޅު ވަސީލަތްތަކާއެކުގަ އެވެ. މި އެއާޕޯޓުގައި 1،800 މީޓަރުގެ ރަންވޭއެއް ވެސް ހުރެ އެވެ.

ކުޑަހުވަދޫ އެއާޕޯޓް ކުރާ ރިއޯލޯ ކުންފުންޏަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަގުބޫލުކަން ހޯދަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނިން އެންމެ މަތީ ފަންތީގެ ރިސޯޓެއްވެސް ދ. އަތޮޅުގައި ތަރައްގީ ކުރަމުންނެވެ. ދ. ކަނޑިންމާގައި އެ ރިސޯޓް ހުޅުވާއިރު ރާއްޖޭގެ އެންމެ ބޮޑު ސުވިމިން ޕޫލް ވެސް އޮންނާނީ އެ ރަށުގަ އެވެ.