މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމާ އަލަށް ގުޅޭ މުވައްޒަފުންގެ ކޯހުގެ ބުރެއް ފަށައިފި

ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުންނަށް ހިންގާ ކަސްޓަމްސް ސްޓަޑީޒް ކޯހުގެ 23 ވަނަ ބެޗް މިއަދު ފަށައިފި އެވެ.

ހަތަރު މަސްދުވަހުގެ މި ކޯހުގައި ކިޔަވައިދޭނީ ކަސްޓަމްސްއާއި ގުޅުންހުރި ގާނޫނާ ގަވާއިދުތަކާއި އުސޫލުތަކާ، އެކްސްޕޯޓް އިމްޕޯޓް މުދާ ކްލިއާ ކުރުމަށް އެކަށައެޅިފައިވާ މަރުހަލާތައް، ބަނދަރުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތުގެ މައުލޫމާތު، މުދާ ބަލައި ފާސްކުރުމުގެ ކަންކަން ހިނގާގޮތާއި ބެހޭގޮތުންނެވެ. އަދި މި ކޯހުގައި އައިޓީގެ ވަސީލަތްތަކާއި ބެހޭ މައުލޫމާތާއި ފިޒިކަލް ފިޓްނަސްގެ ބައިތައްވެސް ކިޔަވައިދޭނެ އެވެ. މިއަދު ފެށި މި ކޯހުގައި 24 އޮފިސަރުން ބައިވެރިވި އެވެ.

މި ކޯހަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ފެންވަރުގެ ކޯހެކެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވިފައިވާ ކޯހެކެވެ.

މި ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ކަސްޓަމްސްއަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްކަމަށް ވުމާއިއެކު މުވައްޒަފުންގެ އަހުލާގާއި ސުލޫކު އަދި އާއްމު ދިރިއުޅުމުގައި ކަންކަން ބަހައްޓަންވީ ގޮތުގައި ތަފާތުތަކެއް ހުންނަންވާނެ ކަމަށެވެ.

މިކޯސް ފުރިހަމަ ކުރުމަށްފަހު މުވައްޒަފުން ކަސްޓަމްސްގެ މަސައްކަތަށް ނުކުންނާނީ މިއަންނަ ޖެނުއަރީމަހުއެވެ.