ރިޕޯޓް

ޓިންކަބެލް އާއި ދިވެހިންގެ އައުރަ: ނިވާ ނުކުރެވުނު ބަހުސް

އަންހެނުން ބާރުވެރިކޮށް ހިތްވަރުދީ، ގާނޫނު ފާސްކުރާ މި ޒަމާނުގައި މި ފޯރިއެއް ނަގަން ޖެހެ އެވެ. މި ބަހުސެއް ކުރެވެން ޖެހެ އެވެ. އެކަމަކު އަހަރެމެން ދިވެހިންގެ ހުރި ދެފުށްކެހެރި ކަމާ އެވެ. ވެގެން އުޅޭ ގޮތް ކިޔައިދޭން އަންހެން ކުއްޖެއްގެ ލޯބީގެ ހަގީގީ ވާހަކައަކުން ފަށައިގަންނަމާ ހިނގާށެވެ.

މި އެ އަންހެން ކުއްޖާ ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖާގެ ސިފަ އާއި އަހުލާގަށް އާދަޔާހިލާފު ބަދަލެއް އައީ އެވެ. އޭނާ ތުބުނޅި ދިގުކޮށް ފަޓުލޫނުގެ ފައިކުރި ކުރުކޮށްލީ އެވެ. ލޯބީގެ މި ދަތުރެއް ގޮސް އިސްލާހީ މަގަށް ސޮއްސާލިއިރު އަންހެން ކުއްޖާއަކީ ބުރުގާ އަޅާ ކުއްޖެއް ނޫނެވެ. ނަމަވެސް ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާއަށް އައި ބަދަލާއެކު އޭނާ ވެސް ބުރުގާ އަޅައިފި އެވެ. ފިރިހެން ކުއްޖާގެ އަހުލާގާއި ސިފަ ޖެހިގެން މާ ލޯބީގައި، އުފަލުގައި އުޅެވޭނެ ކަމަށް ބަލައިގެންނެވެ.

ނަމަވެސް ދުވަސްކޮޅަކަށްފަހު މި ފިރިހެން ކުއްޖާ މެލޭޝިއާއަށް ގޮސް އެނބުރިއައިއިރު ހުރީ ދިވެއްސަކަށް ވެސް ނުވާ ފެޝަން ފްރޭމެއްގަ އެވެ. ތުބުނޅި ޝޭވްކޮށް ފުންނާބު ވެސް ފޮރުވެންދެން ފަޓްލޫނުގެ ފައިކުރި ވެސް ދިގުކޮށްފި އެވެ. އެކަމަކު މި ފިރިހެން ކުއްޖާއާ ދިމާކޮށް ޖައްސާލައި، ސޯޝަލް މީޑިއާގައި އޭނާގެ ބޮލަށް އަރައިގަންނާނެ ބަޔަކު ނެތެވެ.

އެހެން ނަމަވެސް މި ފިރިހެން ކުއްޖާގެ އަވާގައި ޖެހިގެން ބުރުގާ އެޅި އަންހެން ކުއްޖާ ބުރުގާ ނަގައި އޭނާގެ ކުރީގެ ފެޝަނަށް ބަދަލުވުމަކީ ދިވެހި މި މުޖުތަމަ އިން އޭނާ ރޮލާ ކާލާނެ ވަރުގެ ކަމެކެވެ. އެހެންވެ ކިތަންމެ ބޭނުންވިޔަސް، ގަންނާކުރައްވާ ބިރުން އެ އަންހެން ކުއްޖާ އެހުރީ ބުރުގާ ބާލަން ނުކެރިފަ އެވެ.

މިއީކީ އެއްގޮތަކަށް ވެސް "އައުރަ އަކީ ކޮބައިތޯ" ބެލުމުގެ ލިޔުމެއް ނޫނެވެ. ދިވެހި މުޖުތަމައުގައި އަންހެން މީހާ ދަށްކޮށްލާފައި އޮތް މިންވަރު ނުވަތަ ގޯސްކަމެއްގައި ބެނދިފައި ހުންނަ އަންހެނެއްގެ ކަރަށް ދަންމަޅި ބާރުކޮށް އޭގައި އެލިގަނެ އިތުރު އަނިޔާ ދިނުމަށް ޝައުގުވެރިވާ ދިވެހިންގެ ވާހަކަ ދައްކާލުމަށް ލިޔެލާ ލިޔުމެކެވެ.

މިިހައި ހިސާބުން މި ލިޔުމެއް ދެން ފަށަން މި ޖެހެނީ "ޓިންކަބެލްގެ އައުރަ" އާ ހިސާބުންނެވެ. ބައެއް މީހުންނަށް އެކަން ވީ، ގައުމީ އެންމެ ބޮޑު މައްސަލައަށެވެ. އެންމެ ވެސް ދެއްކީ އެމްއޭސީއެލްގެ ފުޅަނދުން ފެނުނު މި ކުޑަކުޑަ ޓިންކަބެލްގެ ވާހަކަ އެކެވެ. އެ ޓިންކަބެލަށް ފާޑުކިޔުން ނުވަތަ އެ ކުއްޖާ ލައިފައި އިން ހެދުމަށް ފާޑުކިޔުމަކީ ގައުމުގައި އޮތް އެންމެ ބޮޑު މައްސަލައަށް ހެދި އެވެ. މިސާލަކަށް އެ ދުވަހު، އެ ޓިންކަބެލްއެއްގެ ބަދަލުގައި އެތަނުގައި "ރޯ އޮރިޔާމާ" ހުރި ފިރިހެނަކު ނަމަ އެކަން މައްސަލައަކަށް ހެދުމުގެ ބަދަލުގައި ގިނަ ދިވެހިންނަށް އެކަން ވާނީ މަޖަލަކަށެވެ.

އެކަމަކު އަންހެނެއްގެ ފަރާތުން އެކަން ފެނުމުން ފާޑުނުކިޔާ ބަޔަކު ނެތެވެ. ދީނީ އިލްވެރިން ވެސް އެކަމާ ދެކޮޅަށް ވަރަށް ހަރު އަޑުން، އަޑު އުފުލި އެވެ. މައްސަލައެއް ނެތެވެ. އެ ބަޔަކަށް އެކަމެއް ގޯސް ކަމަށްވާނަމަ އެކަން ހާމަކުރުމަކީ ޑިމޮކްރަޓިކް މުޖުތަމައުގައި މައްސަލައެއް ނޫނެވެ. އެހެނަސް ވަކި ބަޔަކު ކުރުމުން ގޯސްވެފައި އަނެއް ބަޔަކު ކުރުމުން ގޯސް ނުވަންޏާ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ދެން އެ ފެންނަނީ ދެފުއްކެހެރި ކަމެވެ.

ގިނަ ބަޔަކަށް ހީވެފައިވާ ފަދައިން އައުރައެއް އޮންނަނީ ހަމައެކަނި އަންހެނުންގެ އެވެ. އައުރަ ނުފޮރުވާ މަގު މައްޗަށް ނިކުންނަނީ އޮރިޔާމާނުންނޭ ކިޔާ އަންހެނުންނަށް ވަރަށް ގިނައިން ދިމާކޮށްލަ އެވެ. އެހެނަސް ފިރިހެނުންނޭ ދުވަހަކު ވެސް ބުނޭ ހެއްޔެވެ؟ ރާއްޖޭގެ މިހާރު ގިނަ ފިރިހެން ޒުވާނުން ވެސް އައުރަ ނިވައެއް ނުކުރެ އެވެ. ސޯޓު ބުރި ވަރަށް ކުރެ އެވެ. ނަމަވެސް އެއީ މައްސަލައަކަށް ނުވަނީ އެވެ. މުޖުތަމައު ބިނާވެފައި އޮތީ އެހެންނެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމްގެ ކުރީގެ ނައިބު ރައީސް އަހުމަދު ތޮލާލު ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި އައުރަ ފޮރުވައި އެއްކޮށް ނިވާކުރަން ޖެހެނީ އަންހެނުންނަށް އެކަނި ކަމަށެވެ. ފިރިހެނުން އައުރަ ނުފޮރުވުމުން އެއީ މައްސަލައަކަށް ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

ފިރިހެނުންގެ އައުރައެއް އަދި ގޯހެއް ވެސް ނެތް!

އިހު ޒަމާނުއްސުރެ ވެސް ދިވެހިންގެ މުޖުތަމައު ބިނާވެފައި އޮތީ މިފަދަ ގޮތަކަށެވެ. މުޖުތަމައުގައި ފިރިހެނަކު އުޅޭ ގޮތަކުން ނުވަތަ ފިރިހެނަކު ކަމެއް ކުރުމުން އެއީ އެހާ ބޮޑު ކަމަށް ނުވެ އެވެ. ނަމަވެސް އަންހެނުންނަށް އެހެނެއް ނޫނެވެ. އަންހެނަކު ކަމެއް ކޮށްފިނަމަ ނުވަތަ އަންހެނަކު އަތުން ނުކިއްސަރުކޮށް، ކަމެއްވި ނަމަވެސް އެކަމަށް ފާޑުކިޔައި އަންހެނުން ބޭޒާރުކުރެ އެވެ. މިއީ ތަހުޒީބުވެފައިވާ މި މުޖުތަމައުގައި އަދިވެސް ނުފިލާ އޮތް އާދައެކެވެ.

މިފަދަ ކަންކަމުގައި ޖިންސީ ތަފާތުކުރުންތައް ގެންގުޅުމަކީ ދިވެހިން ތެރޭގައި އޮންނަ އާދައަކަށްވާއިރު، އެ އާދަ ދޫކޮށްލައި ފިރިހެނުން ވެސް ގޯސްވާން ވެއްޖެ އެވެ. ގޯސްކަމެއްނަމަ ފިރިހެނެއް އަންހެނެއް އޮވެގެން ނުވާނެ އެވެ. ހަމައެފަދައިން ފިރިހެނުންނަށް ފުރުސަތު ލިބޭ ފަދައިން އަންހެނުންނަށް ވެސް ފުރުސަތުތައް ލިބެން ޖެހޭނެ އެވެ. އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމަށް ވަކާލާތުކުރާއިރު މިފަދަ ކަންކަމުގައި ވެސް ހަމަހަމަވާން ޖެހެ އެވެ.

މި ބަހުސް އަނެއްކާވެސް ފެށިފައިމިވަނީ މިސްޓަ މޯލްޑިވްސްގެ ޝޯ ބޭއްވުމާ ގުޅިގެންނެވެ. ޖަންގިޔާލައިގެން ނިކުމެ، ޝޯގައި ފިރިހެނުން ދައްކާލި މަންޒަރުތަކާ ގުޅޭ ގޮތުން ބަޔަކު ކަންބޮޑުވެގެނެއް ނޫޅެ އެވެ. ޓިންކަބެލް ވައިގައި ހިތްޕާލި ގޮތަށް ބޮޑީ ބިލްޑަރުންގެ ވާހަކައިން ސޯޝަލް މީޑިއާ ފުރިގެން ނުދިޔުމުން ޖިންސީ ތަފާތުގެ ވާހަކަތައް އަނެއްކާވެސް ދުލުކުރިއަށް މިއޮތީ އައިސްފަ އެވެ. މިސްޓަ މޯލްޑިވްސްގެ ޝޯ ވެސް ޓީވީ އިން ވަގުތުން ދައްކަމުން ވެސް ދިޔަ އެވެ. އެކަމަކު އެކަމާ އަޅާލި ބަޔަކު އުޅުނު ހެނެއް ހިއެއް ނުވެ އެވެ.

ގާނޫނެއް ވެސް އެބަ އޮތް!

ޖިންސީ ތަފާތުކުރުންތައް ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާތީ ޖެންޑާ އީކުއަލިޓީގެ ނަމުގައި ގާނޫނެއް ވެސް ވަރަށް ފަހުން ވަނީ ތަސްދީގުކޮށްފަ އެވެ. އެ ގާނޫނުގެ މަގްސަދަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ވަކި ޖިންސަކަށް ނުވަތަ ޖެންޑާއަކަށް ބަލައި ތަފާތު ކުރުމެއް ނެތި ހަމަ ކޮންމެ މީހަކަށް ވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމެވެ.

ގާނޫނުގައިވާ ގޮތުން އެ ގާނޫނު މާނަކުރަން ޖެހޭނީ ގާނޫނު އަސާސީ އާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ގާނޫނުން ވަކި ޖިންސަކަށް ބެލުމަށް ފަހު އެއްވެސް މީހަކާ މެދު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިއަސް ތަފާތު ކުރުމަކީ މަނާ ކަމެކެވެ. މިފަދަ ގާނޫނެއް އޮތްއިރު ވެސް ފެނިގެން މިދަނީ އެހެން މަންޒަރެކެވެ. ދިވެހިންގެ ވިސްނުން ބަދަލުވާން ޖެހޭ މިންވަރު މިކަމުން ވެސް ހެކިދެ އެވެ.