މެދުތެރޭ އޭޝިއާގެ އެންމެ މަގުބޫލު ގައުމަކަށް ހައްދަވައި އެގޮތުގައި 25 އަހަރުވަންދެން ދެމެހެއްޓެވި ބޭފުޅަކީ އުޒުބެކިސްތާންގެ ރައީސް އިސްލާމް ކަރިމޯވްއެވެ. މިދިޔަ ހަފުތާގައި ކުރިމަތިވެވަޑައިގެންނި ހާޓް އެޓޭކެއްގެ ސަބަބުން ރޭ ވަނީ އަވަހާރަވެފައެވެ.
ކަރިމޯވްގެ ދަރިކަނބަލެއް ކަމަށްވާ ލޯލާ ޓިލްޔޭ އޭނާގެ އިންސްޓަގްރާމްގައި "ބްލޭންކް" ފޮޓޯ އެއް ޝެއާ ކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ "ބައްޕަ އަހަރެމެންނާ ވަކިވެއްޖެ. އަހަރެން މިބުނަނީ އެހަރެންގެ ބަސް އަހަންނަށް އަދިވެސް ގަބޫލު ނުކުރެވޭ" ކަމަށެވެ.
އިސްލާމް އަވަހާރަވިއިރު އޭނާގެ އުމުރުފުޅަކީ 78 އަހަރެވެ. އެކެއް ސެޕްޓެމްބަރު 1991 ން އިއްޔައާ ހަމަޔަށް އުޒުބެކިސްތާންގެ ރައީސް ކަން ކުރެއްވި އިސްލާމް އަކީ ކުރީގެ ރޫސީ ވިލާތުގެ ރައްޔިތެކެވެ. ރޫސީންގެ ކިބައިން މިނިވަން ވުމަށް އިސްލާމް ހިންގި ބައެއް ހަރަކާތްތަކުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް ބައިނަލް އަގްވާމީ ޖަމާއަތްކުން އަމާޒުވިއެވެ. ނަމަވެސް އޭނާ މަސައްކަތްޕުޅު ގެންދެވީ ކުރިއަށެވެ. އެންމެ ފަހުން 1991 ވަނަ އަހަރު ރޫސިންގެ ދަށުން އުޒްބެކިސްތާން މިނިވަން ކުރައްވާ އެގައުމުގެ ރައީސް ކަމަށް ވަޑައިގެންނެވިއެވެ.
މިދިޔަ އަހަރު ފަސް ވަނަ ދައުރަކަށް ރައީސްކަމަށް ކަރިމޯވް އިންތިހާބުވީ 90 ޕަސަންޓާއެކުއެވެ. ނަމަވެސް އެ އިންތިހާބު ކުރިއަށް ގެންދިޔައީ ބައިނަލްއަގްވާމީ އޮބްޒާވަރުންގެ އެއްވެސް ދައުރެއް ނެތިއެވެ.
ކަރިމޯވް ފާހަގަ ކުރެވެނީ ބޭރުގެ ނުފޫޒު އެގައުމުގެ ކަންކަމަށް ވަނަ ނުދިނުމަށް ވަކާލާތު ކުރެއްވި ރައީސެއް ގޮތުގައެވެ. އެހެންވެ ބައިނަލްއަގްވާމީ ދުނިޔެ އޭނާއާ މެދު ރުހުމުގެ ބަސައްތަކެއް ހާމަކޮށްފައެއް ނުވެއެވެ.
އިންސާނީ ހައްގުތަކުގެ މަސައްކަތް ކުރާ ޖަމާއަތްތަކުން ތުހުމަތު ކުރާ ގޮތުގައި ކަރިމޯވްގެ އުޒުބްކިސްތާން އިންސާނިއްޔަތާ ހިލާފް ކަންކަން ހިންގާފައިވެއެވެ. އެގޮތުން ކަރިމޯވްގެ ސަރުކާރާ ދެކޮޅަށް 2005 ވަނަ އަހަރު މުޒާހަރާއަށް އެތައް ހާސް ބަޔަކު ނިކުތުމުން އޭނާ ވަނީ ބާރުގެ ބޭނުން ކުރުމަށް އަސްކަރިއްޔާއަށް އަންގާފައެވެ. އެހާދިސާގެ ސަބަބުން 100 މީހުން އެގައުމުގެ އަސްކަރިއްޔާގެ އަތުން މަރުވިއެވެ.
އޭނާ އަވާހަރަ ވުމުން ރައްޔިތުންގެ މަޖިލީހާއި މަރުކަޒީ ސަރުކާރު ގުޅިގެން ނެރުނު ބަޔާނުގައިވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފައެވެ. ބައިނަލްއަގްވާމީ ދުނިޔޭގެ ރުހުން ނުލިބުނަސް، ކަރިމޯވް އަކީ އުޒްބެކިސްތާންގެ މިނިވަން ކަމުގެ ލިޑަރެވެ. އެހެންވެ އެގައުމުގެ ރައްޔިތުންގެ މެދުގައި އޭނާއަށް މަގުބޫލުކަން ބޮޑެވެ. ގައުމީ ޓީވީއިން އޭނާ ސިފަކޮށްފައިވަނީ ގައުމީ ބަތަލެއްގެ ގޮތުގައެވެ.