ރަސްފަންނު

ރަސްފަންނާ ގުޅޭ ނަޖިސް ހޮޅިތައް ސިނާއީ އަވަށަށް ގެންދަން ހަވާލުކޮށްފި

ރަސްފަންނާއި ދިމާލުން މޫދަށް ބާލައިފައިވާ ނަޖިސް ހޮޅިތައް މާލޭގެ ހުޅަނގު ދެކުނުން ހިއްކި ސިނާއީ އަވަށަށް ބަދަލު ކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ޑީ ވޯޓަރިން ނިޒާމު ބަދަލު ކުރުމުގެ މަޝްރޫއުގެ ތެރެއިން ނަޖިސް ހޮޅިތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމްޑަބްލިއުއެސްސީއިން އެ މަސައްކަތް ކުރާނީ އެކުންފުނީގެ ހަރަދުގައި ކަމަށާއި އަށް މަސް ދުވަސް ތެރޭގައި އެ މަޝްރޫއު ނިންމާލުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަޖިސް ހޮޅިތައް ބަދަލުވުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ހުރި ކަނބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެކަމުގެ މުހިންމުކަން ދެނެގަނެ އެ މަސައްކަތް ކުރާނީ ކުންފުނީގެ ހަރަދުގައި. އެކަމަށް ބޭނުންވާ ބިމެއް އިންޑަސްޓްރިއަލް ވިލެޖުން ދޭން މިހާރު ވާނީ އެއްބަސްވެފައި،" މުއިއްޒު ވިދާޅުވި އެވެ.

ނަޖިސް ހޮޅިތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ އިރު މީގެ ކުރިން ވަނީ ނަޖިސް ހޮޅިތައް ފަޅައިގެން ގޮސް ލީކުވުމުގެ މައްސަލަ ދިމާވެފައެވެ. ނަމަވެސް އެކަން ހައުސިން މިނިސްޓްރީއިން ވަނީ ހައްލުކޮށްފަ އެވެ.