ހަބަރު

ނަޝީދަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އަނެއްކާވެސް ދޫނިދުއަށް

Feb 24, 2015
2

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލެ ގެނެސް "މެޑިކާ" ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އަލުން ދޫނިދޫ އަށް ގެންގޮސްފި އެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު މެޑިކާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ނަޝީދު މިހާރު ވަނީ އަލުން ދޫނިދުއަށް ގެންގޮސްފަ އެވެ. އަދި އެމްޑީޕީގެ ލީޑަޝިޕުން މިހާރު ވަނީ ނަޝީދުއާ ބައްދަލު ކުރުމަށް ދޫނިދުއަށް ގޮސްފަ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ނަޝީދު ހޮސްޕިޓަލަށް ގެންދިޔައީ، ފުލުހުންގެ މެޑިކަލް އޮފިސަރުން އެމަނިކުފާނު އިތުރަށް މެޑިކަލް ޗެކަޕްތަކެއް ހެދުމަށް ލަފާދެއްވާފައިވާތީ ކަމަށެވެ. އެ ޗެކަޕްތަކުން އެމަނިކުފާނުގެ އެއްވެސް ސިއްހީ މައްސަލައެއް ހުރިކަން ފާހަގަވެފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެ ހަވީރު އޮތް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރި ވަގުތު ނޫސްވެރިން އެ މަނިކުފާނާ ސުވާލު ކުރަން އުޅުމުން ފުލުހުން އެކަމަށް ހުރަސް އެޅުމުން ނަޝީދު ވަނީ އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ޝަރީއަތަށް ވަދެ ވަޑައިގަތުމަށް އިންކާރު ކުރައްވައިފަ އެވެ. އެއާ އެކު ފުލުހުން ނަޝީދު ގަދަކަމުން ކޯޓަށް ވައްދަން އުޅުމުގެ ތެރޭގައި އެމަނިކުފާނުގެ ކަމީސްކޮޅު ވަނީ އިރައިގެން ގޮސްފަ އެވެ.

ނަޝީދު ޝަރީއަތުގެ މަޖިލީހަށް ކީރިތި ކުރައްވަމުން ވެންނެވުމަށް ފަހު ވިދާޅުވީ، އެމަނިކުފާނު އަތް ބިނދިފައިވާ ކަމަށާއި ހޮސްޕިޓަލަށް ދިޔުމަށް އެދޭ ކަމަށެވެ. ނަމަވެސް ފުލުހުން ރޭ ވެސް ބުނެފައި ވަނީ ނަޝީދުއަށް އަނިޔާއެއް ލިބިވަޑައިގެންފައި ނެތް ކަމަށާއި އަތް ވެސް ނުބިނދޭ ކަމަށެވެ.