ދުނިޔެ

މަރުގެ އަދަބު ދިނުމަކީ ގައުމަށް އޮތް ހައްގެއް: އިންޑޮނީޝިއާ

Feb 25, 2015

މަރުގެ އަދަބު ދިނުމަކީ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވަން އެހެން ގައުމުތަކުން މަސައްކަތްކޮށްގެން ނުވާނެ ކަމަށް އިންޑޮނީޝިއާ އިން ބުނެފި އެވެ.

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ މިހެން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވަރަށް ބޮޑު ނެޓްވޯކަކަށް ނިސްބަތްވާ އޮސްޓްރޭލިއާ ދެ މީހަކު މެރުމަށް އިންޑޮނީޝިއާގައި ހުކުމް ކުރުމާ އެކު އެކި ގައުމުތަކުން ކުރިމަތިކުރަމުންދާ ފިއްތުންތަކަށް ރައްދު ދެއްވަމުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލާގައި 11 މީހަކު މަރަން ހުކުމް ކޮށްފައި ވާއިރު އެ މީހުން ނިސްބަތްވާ އޮސްޓްރޭލިއާ، ބްރެޒިލް އަދި ފްރާންސުން ދަނީ އިންޑޮނީޝިއާ އަށް ވަރަށް ބޮޑަށް ފިއްތުން ކުރިމަތިކުރަމުންނެވެ.

އިންޑޮނީޝިއާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބުތައް މުޅި ދުނިޔޭގައި ވެސް އޮންނަ ގައުމެވެ. އެ ގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހަތަރު އަހަރު ވަންދެން މެދުކަނޑާލާފައި އޮތުމަށް ފަހު 2013 ވަނަ އަހަރު ވަނީ އަލުން ފަށައިފަ އެވެ. މިހާރުގެ ރައީސަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެހެން ވެރިންނަށް ވުރެ ހަރުކަށި ބޭފުޅެކެވެ. މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ ހަ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. އޭގެ ތެރޭގައި ވެސް ބިދޭސީން ހިމެނެ އެވެ. --ބީބީސީ