އަންނަ މަހުގެ އަށެއްގައި ބާއްވާ ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި ވޯޓުލާން ޝަރުތުހަމަވަނީ 12 ކުލަބަކަށް ކަމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
އެކުލަބުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް، އައްޑޫ ސްޕޯޓްސް، ކުލަބް ވިޗެންޒާ، ޔޫތު ސްޕޯޓްސް ކުލަބް، އައިލެންޑް އޯޝަން ކުލަބް، ސްޕޯޓްސް ކުލަބް ދިރުން، މާތޮޑާ ސްޕޯޓްސް ކުލަބް، ޔޫތު ނިއު ޖެނެރޭޝަން، ކްލަބް ހާފްލައިން ލިންކޭޖް، ސްޕޯޓްސް ކުލަބް ވިޝަން އަދި ކުއީން ސްޕޯޓްސް ކުލަބެވެ.
ވޮލީ އިންތިހާބު މިބާއްވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި އިންތިހާބު ހޯމް މިނިސްޓްރީން ބާތިލްކުރުމަށްފަހު އެވެ. އެއީ ގަވާއިދާ ހިލާފަށް ބައެއް ކުލަބުތަކަށް ވޯޓުލާން ފުރުސަތުދީފައިވާތީވެ، ޖެހުނު މައްސަލަތައް ބެލުމަށްފަހު އެވެ. މި ފަހަރުގެ އިންތިހާބު ބާއްވަން ހޯމް މިނިސްޓްރީން ނަގާފައިވަނީ ފަސް މެމްބަރުންގެ މިނިވަން ކޮމިޓީއެކެވެ.
ޖަމިއްޔާތަކުގެ ރަޖިސްޓްރާ އެކުލަވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިވަޑައިގަންނަވީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް އާއި ހޯމް މިނިސްޓްރީގެ ފަރާތުން މޫސާ ރަމީޒާއި ކުރީގެ ފީފާ ރެފްރީ އަލީ ސަލީމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި އާމިނަތު ނަބީލާ އިބްރާހީމް ނަސީރެވެ.
މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 22އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އިންތިހާބު ކުރާ މަގާމުތަކަކީ ރައީސާއި ނާއިބް ރައީސް އަދި ހަޒާންދާރު ރޫލްސް ކޮމިޝަން ތިން މެމްބަރުންނާއި ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަން ތިން މެމްބަރުންނާއި ބީޗް ވޮލީބޯޅަ ކޮމިޝަނަށް ހަ މެމްބަރުންނެވެ.
ވޮލީ އެސޯސިއޭޝަނުގެ ރައީސްކަމުގައި ފާއިތުވެދިޔަ އަށް އަހަރު ހުންނެވީ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ އެއްވަނަ ރެފްރީ މުހައްމަދު ރިޔާޒެވެ. ބާތިލްކުރި އިންތިހާބު ކާމިޔާބު ކުރެއްވީ ވެސް އޭނާ އެވެ. އެއީ އިދިކޮޅު ކެނޑިޑޭޓް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)އާ ވާދަކޮށް ދެ ބުރަށް ވޯޓުލައިގެން ވެސް ހަމަހަމަވުމުން ނަތީޖާ ނެރެން އެކްސްކޯ މެމްބަރުންގެ ވޯޓުލައިގެންނެވެ.