ރާއްޖެ ކުޅިވަރު

ސ. ގެ ޗެމްޕިއަނަކަށް ފޭދޫ، ޅ. ޗެމްޕިއަން ނައިފަރު

Sep 9, 2016
1

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ، ސ. އަތޮޅުގެ ޗެމްޕިއަކަން ހޯދައި ޒޯން ބުރަށް ދަތުރު ކުރިއިރު، ޅ. އަތޮޅުގެ ޗެމްޕިއަން ކަން ނައިފަރުން ހޯދައިފި އެވެ.

ސ. އަތޮޅުގެ ޗެމްޕިއަންކަން ފޭދޫ ހޯދީ، ހިތަދޫއާ ވާދަކޮށް، 4-1 ން ކާމިޔާބު ހޯދައިގެންނެވެ.

ފޭދޫގެ ފުރަތަމަ ލަނޑު މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އަލީ ޝަރީރުއެވެ. ދެ ވަނަ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ހަމްދީއެވެ.

ހިތަދޫގެ ހަމަ އެކަނި ލަނޑު 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަމީން އިބްރާހިމްއެވެ.

ފޭދޫގެ ތިން ވަނަ ލަނޑު 67 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ރިޒްމީންއެވެ. ހަތަރު ވަނަ ލަނޑު އޭގެ ދިހަ މިނެޓް ފަހުން ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ނެލްސަން ބޮހޯނޭއެވެ.

ދެ ޓީމު ވާދަ ކުރި ޅ. އަތޮޅުގެ ޗެމްޕިއަންކަން ނައިފަރު ކާމިޔާބު ކުރީ ކްރެންދޫއާ ދެކޮޅަށް ކުޅުނު ދެ ލެގްވެސް ކާމިޔާބުކޮށް 7-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗް ނައިފަރު ކާމިޔާބު ކުރީ 4-2 ން ނެވެ. އަދި މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗް ކާމިޔާބު ކުރީ 3-0 ންނެވެ.