ހަބަރު

"އަލްޖަޒީރާގައި ބުނި ގޮތަށް މަނީ ލޯންޑަ ކުރުމަކީ ވާނެ ކަމެއް ނޫން"

Sep 9, 2016
16

"އަލްޖަޒީރާ އިންވެސްޓިގޭޓްސް" އިން ތައްޔާރު ކުރި، ސްޓީލިން ޕެރަޑައިޒްގައި އެމްއެމްއޭ ބައިވެރިވެގެން، 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރި ނަމަވެސް، އެ ޑޮކިއުމަންޓްރީގައި އެބުނާ ގޮތަށް އެކަން ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެއްޖެ އެވެ.

އެ ޑޮކިއުމަންޓްރީގައި ބުނެފައި ވަނީ، މެލޭޝިޔާ އާއި އިންޑޮނޭޝިޔާ އަދި ސިންގަޕޫރުގެ ވިޔަފާރިވެރިޔަކު ގުޅިގެން، އީރާނުން ރާއްޖެއަށް 1.5 ބިލިއަން ޑޮލަރު އެތެރެކޮށް އެ ފައިސާ އެމްއެމްއޭ މެދުވެރިކޮށް ސައްހަ ފައިސާއަށް ބަދަލު ކުުރަން ރޭވުންތަކެއް ރާވައި، ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އާ ދެމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އަދި މިހާރު މެދުއިރުމަތީގެ ބޭންކެއްގެ މަގާމެއް އަދާ ކުރައްވާ ފަޒީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޕޯޓްގައި ތުހުމަތު ކުރާ ގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހަޒާނާއަށް އެއްވެސް މިންވަރެއްގެ ފައިސާއެއް ވައްދައި އަދި ނެރުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެއީ އިމްޕޮސިބަލް ކަމެއް ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވަނީ ހަޒާނާއަށް ފައިސާ ވެއްދުމާއި ނެރުމުގައި އެމްއެމްއޭގައި ވަރަށް ހަރުކަށި އުސޫލުތަކެއް އޮންނާތީ އެވެ.

އެގޮތުން ހަޒާނާއިން ފައިސާ ނެރުމާއި ވައްދާ އިރު ހަތަރު މުއައްސަސާއެއްގެ އިސް ބޭފުޅުން ތިއްބަވަ އެވެ. އަދި އެ މުއައްސަސާތަކުން އެކަން މޮނީޓާ ކުރުމުގައި އަމަލު ކުރާ ހަރުދަނާ އުސޫލެއް ވެސް އޮވެ އެވެ. މަރުކަޒީ ބޭންކްގައި މަސައްކަތް ކުރެއްވި އިސް އޮފިޝަލަކު ވިދާޅުވީ، ކިތަންމެ ވަރަށް ނުފޫޒާއި ކޮރަޕްޝަން އޮތަސް އަދި އެމްއެމްއޭގެ ގަވަރުނަރު ބޭނުން ވިޔަސް، އެ ޑޮކިއުމަންޓްރީގައި އެ ބުނާ އުސޫލުން ހަޒާނާއަށް ފައިސާ ވައްދާ ނެރުމަކީ، އުސޫލުން ބޭރުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މުއައްސަސާތައް ތިބެގެން އެކަން ކުރާ އިރު މޮނީޓާ ކުރާ އުސޫލު ވެސް އޮންނަނީ ކޮރަޕްޓް ނުކުރެވޭނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

ހަޒާނާއަށް ފައިސާ ވައްދާއިރު ތިބޭ ފަރާތްތައް

  • މަޖިލީހުގެ އިދާރާއިން ކަނޑައަޅާ ބޭފުޅެއް
  • އޮޑިޓް އޮފީހުން ބޭފުޅެއް
  • ފިނޭންސް މިނިސްޓްރީ ބޭފުޅެއް
  • އެމްއެމްއޭގެ އިސް ބޭފުޅެއް

ނިޒާމު އޮންނަ ގޮތުން އެ ފަރާތްތަކުގެ ހާޒިރުގައި ނޫން ގޮތަކަށް އެމްއެމްއޭގެ ހަޒާނާއަށް ފައިސާ ވެއްދޭނެ ގޮތެއް ނޯވެ އެވެ. އަދި ހަޒާނާއަށް އެކްސެސް ވެސް ނުލިބެ އެވެ. އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އެ މުއާމަލާތް ކުރުމުގެ މަޝްވަރާތަކެއް ހިނގާފައި ވަނީ، 2014ގެ އޮގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ މުއްދަތުގައި އެ މުއާމަލާތް ހިނގާފައިވާ ނަމަ، 1.5 ބިލިއަން ޑޮލަރު އެމްއެމްއޭއަށް ވެއްދޭނީ އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ނޫނީ، ނިޔާޒު އައްޔަން ކުރެއްވި އޮފިޝަލަކު ހުރެގެންނެވެ. ނިޔާޒު މަގާމުން ވަކިކުރީ ވެސް 2014 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަލްޖަޒީރާގެ ރިޕޯޓަށް ނިޔާޒު މައުލޫމާތު ދެއްވި އިރު، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެއް ނުވެ އެވެ. އަދި އެމްއެމްއޭ އަށް ފައިސާ ވެއްދޭނެ ގޮތާއި ފައިސާ ނެގޭނެ ގޮތުގެ އެއްވެސް މައުލޫމާތެއް އެ ރިޕޯޓް ހޯދި އިރު ހިމަނާފައެއް ނުވެ އެވެ.

އަލްޖަޒީރާ އިން ވެސް ބުނެފައިވާ ގޮތުގައި އެކަމަކީ ހިނގި ކަމެއް ކަމަށް ހެއްކެއް ނުފެނުނެވެ. ހަމައެކަނި ކޮށްފައި ހުރީ މަޝްވަރާތަކެއް ކަމަށް ބުންޏެވެ. އެއަށް ކޮމެންޓް ކުރި އެކްސްޕާޓް ވެސް ބުނެފައި ވަނީ، 1.5 ބިލިއަން ޑޮލަރަކީ އެތައް ޕެލެޓެއްގައި އެތެރެ ކުރެވޭނެހާ ގިނަ ނޫޓް ކަމަށާއި ތި ވާހަކަތައް ވައްތަރީ، "ޖޭމްސް ބޮންޑް" ފިލްމެއްގައި ކަން ހިނގާ ގޮތާ ކަމަށެވެ.

އެމްއެމްއޭ އިން ވެސް ރޭ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ބުނެފައި ވަނީ އެމްްއެމްއޭ އިން އެފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުވާ ކަމަށާއި ތުހުމަތުކޮށްފައިވާ 1.5 ބިލިއަން ޑޮލަރުގެ މުއާމަލާތެއް ހިނގާފައި ނެތް ކަމަށެވެ. ސްޓީލިން ޕެރަޑައިޒްގައި ބުނާ ގޮތުގައި، އެމްއެމްއޭގެ ކޮމެންޓެއް އެ ޑޮކިއުމަންޓްރީ އަކަށް ނުލިބެ އެވެ. އެހެން ނަމަވެސް، އެމްއެމްއޭ އިން ރޭ ބުނީ އެ އިދާރާގެ ކޮމެންޓެއް ހޯދުމަށް ވެސް އަދި ގަވަރުނަރު އަޒީމާ އާދަމްގެ ކޮމެންޓެއް ހޯދުމަށް ވެސް އެއްވެސް ސިފައެއްގައި އަލްޖަޒީރާއިން މަސައްކަތް ކޮށްފައި ނެތް ކަމަށެވެ.

މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން، އެމްއެމްއާ މެދު އިތުބާރު ކެނޑި ރާއްޖޭގެ މާލީ އިދާރާގެ އިތުބާރު ގެއްލިދާނެ ކަމަށް ރޭ އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.