އެމްއެމްއޭ

ރަސްމީ ރިޒާވް ޖެނުއަރީ މަހު ދަށަށް

ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ ޖެނުއަރީ މަހު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް އަދި އެ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ދަށަށް ގޮސްފަ އެވެ.

ރަސްމީ ރިޒާވްގައި މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ހުރީ 551.1 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 588.6 ޑޮލަރާއި އަޅާބަލާއިރު ހަ ޕަސަންޓް ދަށްވުމެކެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި މިންވަރަށްވުރެ 30 ޕަސަންޓް ދަށް އަދަދެކެވެ.

ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ހުރީ 790 މިލިއަން ޑޮލަރެވެ.