ރިޒާވް

ސެޕްޓެމްބަރު ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 49 މިލިއަން ޑޮލަރު

ރާއްޖޭގެ ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވް މި އަހަރުގެ ސެޕްޓެމްބަރު މަހު ނިމުނުއިރު 49 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވްގައި ހުރީ ޖުމްލަ 371 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގައި މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ދަރަނީގެ އިތުރުން ތެލަށް ކުރަންޖެހޭ ހަރަދުތަކަށް 322 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

މިއަހަރުގެ ތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ދަށަށް ގޮސްފައިވަނީ ޖުލައި މަހު އެވެ. އެ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 43.6 މިލިއަން ޑޮލަރެވެ.

ރިޒާވް ދަށަށް ގޮސްފައިވާއިރު ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ.

ރިޒާވްގެ ހާލަތު ދަށްވެފައިވާއިރު ރިޒާވް ރަނގަޅުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭގެ ދެމެދުގައި 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. މި އެއްބަސްވުމުގެ ދަށުން މީގެކުރިން ރިޒާވްއިން ފައިސާ ނަގައިގެން ހިންގަންޖެހޭ ބައެއް ކަންކަން ކުރުމަށް ފައިސާ ލިބޭނެ އެވެ.

ޑޮލަރުގެ ކަރަންސީ ސްވޮޕުގެ ސަބަބުން އެމްއެމްއޭއިން ބޭންކުތަކަށް ބޭރު ފައިސާ ދޫކުރުމަށް ފުރުސަތު ފަހިވާނެ އެވެ. އަދި ރުޕީސްގެ ކަރަންސީ ސްވޮޕުގެ ސަބަބުން އިންޑިއާއާ އެކު ވިޔަފާރިކުރާ ފަރާތްތަކަށް ޑޮލަރު ބޭނުންނުކޮށް އެ ގައުމުގެ ފައިސާ އިން މުއާމަލާތްތައް ހިންގުމަށް މަގުފަހިވާނެ އެވެ.