އެމްއެމްއޭ

ސެޕްޓެމްބަރު މަހު ރިޒާވް ދަށަށް

ރާއްޖޭގެ ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު އިތުރުވި ނަމަވެސް އެ އަދަދު ފާއިތުވި ސެޕްޓެމްބަރު މަސް ނިމުނުއިރު ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރަސްމީ ރިޒާވްގައި މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ޑޭޓާބޭސްގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 371 މިލިއަން ޑޮލަރެވެ.

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން، ސެޕްޓެމްބަރު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 49 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގައި މި އަހަރުގެ ޖުލައި މަސް ނިމުނުއިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ޖުލައި މަސް ނިމުނުއިރު ހުރީ 43 މިލިއަން ޑޮލަރެވެ.

ރިޒާވް ދަށަށް ގޮސްފައިވާއިރު ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ.

ރިޒާވްގެ ހާލަތު ދަށްވެފައިވާއިރު ރިޒާވް ރަނގަޅުކުރުމަށް އިންޑިޔާގެ ރިޒާވް ބޭންކް އޮފް އިންޑިޔާއާއި އެމްއެމްއޭގެ މެދުގައި 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިޔާ ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެ އެއްބަސްވުމުގެ ދަށުން ރިޒާވްއިން ފައިސާ ނަގައިގެން ހިންގަންޖެހޭ ބައެއް ކަންކަން ކުރުމަށް ފައިސާ ލިބޭނެ އެވެ.

ޑޮލަރުގެ ކަރަންސީ ސްވޮޕުގެ ސަބަބުން އެމްއެމްއޭއިން ބޭންކުތަކަށް ބޭރު ފައިސާ ދޫކުރުމަށް ފުރުސަތު ފަހިވާނެ އެވެ. އަދި ރުޕީސްގެ ކަރަންސީ ސްވޮޕުގެ ސަބަބުން އިންޑިޔާއާއެކު ވިޔަފާރިކުރާ ފަރާތްތަކަށް ޑޮލަރު ބޭނުންނުކޮށް އެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ހިންގުމަށް މަގުފަހިވާނެ އެވެ.