ވޭތުވެދިޔަ ފަސް އަހަރު އަށް ބިލިއަނެއްހައި ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕުކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ދައުލަތް އޮތީ ދަރާފައި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން މިދިޔަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފަ އެވެ.
"ވޭތުވެދިޔަ ފަސް އަހަރު އަށް ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕުކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕުކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފައިސާ ޗާޕުކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ގައިރު ޒިންމާދާރުކަމާއެކު މަނިޓައިޒްކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުންކަން ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"މިގޮތުން 31 ޑިސެމްބަރު 2023 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރެވުނު. އަދި އިގުތިސާދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށިގެންދިޔަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިގުތިސާދީ ގޮތުން ފަހި މަންޒަރެއް ފެންނަން އޮތް ނަމަވެސް ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
އެގޮތުން އާމްދަނީއާ ހަރަދުގެ ފަރަގު ބޮޑުވެ ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން މިންވަރަށް ފުޅާވެފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ތަދުމަޑުކަމާއެކު 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށާއި ނަމަވެސް ހިނގަމުންދިޔަ އިސްރާފާއި ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައިހުރި ގޮތުގެ ނަތީޖާއަކަށްވީ އިގުތިސާދީ ހާލަތު ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަ ވިނަމަވެސް ޑެފިސިޓް ކުޑަނުވުން ކަމަށެވެ.