ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރާ ސާމާނު ފަރުމާ ކުރުމުގެ މުބާރާތެއް

Sep 10, 2016
3

ރާއްޖެ އިޝްތިހާރު ކުރަން އަންނަ އަހަރު ބޭނުންކުރާ ސާމާނު ފަރުމާ ކުރުމުގެ މުބާރާތެއް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ "ޕްރޮމޯޝަން އައިޓަމް ޑިޒައިން ކޮމްޕެޓިޝަން 2017" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި އެންމެ ހުނަރުވެރި ފަރުމާތަކެއް ހުށަހަޅާ ފަސް ފަރާތެއް ހޮވައި އިނާމު ދޭނެ ކަމަށެވެ.

ދިވެހިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މައިގަނޑު ބޭނުމަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ދިވެހިވަންތަ ފަރުމާ ތަކެއް ހޮވުމެވެ. މިގޮތުން ލިބޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ފަރުމާއެއް ހޮވައި އިނާމު ދޭނެ އެވެ.

މި މުބާރާތުގެ އެއްވަނަ އިނާމަކަށް ޓާކިޝް އެއާލައިނުން ދެނީ ދެ މީހަކަށް ތުރުކީ ދެކޮޅު ޓިކެޓެވެ. އަދި ދެވަނަ އާއި ތިންވަނަ އިނާމަށް މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދެ މަންޒިލަކަށް ދެ މީހަކަށް ދެކޮޅު ޓިކެޓު ލިބޭނެ އެވެ. އަދި ހަތަރުވަނަ އާއި ފަސްވަނަ އިނާމު ލިބޭ ފަރާތަކަށް އެތެރޭގެ ކޮންމެވެސް މަންޒިލަކަށް މޯލްޑިވިއަންއިން ޓިކެޓު ހުށަހަޅާފައިވެ އެވެ.