ވިޔަފާރި

ހުޅުމާލެ ބްރިޖުގެ ކޮންސެޕްޓް ނިންމާ ޗައިނާ ޓީމް އައުން އަންނަ މަހު

Feb 25, 2015
2

ހުޅުމާލެ-މާލެ ބްރިޖްގެ ކޮންސެޕްޓުގެ މަސައްކަތް ނިންމުމަށް އަންނަ މަހު ޗައިނާގެ މާހިރުންގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތުގެ ފުރަތަމަ ދިރާސާ ނިންމުމަށްފަހު، ދެވަނަ ދިރާސާއަށް ޗައިނާގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ހިކުމަތްތެރި އަމަލްގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހިކުމަތްތެރި އަމަލުގެ ދަށުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް މިހާރު ވަނީ ލިބިފައި. އެގޮތުން ފުރަތަމަ ކުރަން ޖެހޭ ދިރާސާ މިހާރު ނިމި ދެވަނަ ދިރާސާ ކުރުމަށްޓަކައި ޗައިނާގެ ފަންނީ މާހިރުން އަންނަމަހު ރާއްޖެއަށް އަންނާނެ ކަމަށް ވަނީ މައުލޫމާތު ދެއްވާފަ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖަކީ ވަރަށް ގިނަ ފަންނީ މައުލޫމާތަކެއް ހިމެނޭ ކަމެއް ކަމަށެވެ.

" ކޮންސެޕްޓްތައް ނިންމުމުން ޓެންޑާ ކުރުމަށްޓަކައި ކޮންޓްރެކްޓަރަކާ ހަވާލު ކުރުމުގެ މަސައްކަތް ވެސް ނިމޭނެ. އެހާ ހިސާބަށް ދާއިރު ފައިސާގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ނިންމާނެ،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ބްރިޖުގެ މަސައްކަތް ރާވާފައިވާ ވަރަށްވުރެ ހަލުވިކޮށް ކުރިއަށް ދާ ކަމަށެވެ. ބްރިޖުގެ މަސައްކަތްކުރާ ކޮންސެލްޓެންޓުންގެ ޓީމަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް އެއްކުރެވިފައިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ބްރިޖުގެ ސާވޭ ކުރަމުން ދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފަށައި 2017 ވަނަ އަހަރު ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.