ރާއްޖޭގައި ދެމުންދާ ސީ-ޓު-އެއާ ކާގޯގެ ހިދުމަތަށް އިތުރު އެއާލައިނެއް ގުޅިއްޖެ އެވެ.
މިފަހަރު މި ހިދުމަތް ދޭން ފަށާފައިވަނީ މެލޭޝިއާގެ އެއާލައިނެއް ކަމުގައިވާ ވޯލްޑް ކާގޯ އެއާލައިނުންނެވެ.
ސީ-ޓު-އެއާ ކާގޯގެ ހިދުމަތަކީ ކަނޑުމަގުން އަންނަ މުދާ ރާއްޖޭގައި ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމުގެ ހިދުމަތެކެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން ވޯލްޑް ކާގޯ އެއާލައިނުން ވަނީ ބަންގްލަދޭޝުން ރާއްޖެއަށް ކަނޑު މަގުން ގެނައި އަންނައުނުގެ ބާވަތްތައް ޔޫރަޕްގެ އެކި ގައުމުތަކަށް ގެންގޮސްފަ އެވެ.
މި ހިދުމަތް ރާއްޖޭގައި ތައާރަފްކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ސީ-ޓު-އެއާ ކާގޯގެ ހިދުމަތަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ދޭ ހިދުމަތެކެވެ.
ސީ-ޓު-އެއާ ކާގޯގެ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ފޮނުވާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
މިހާތަނަށް 12 އެއާލައިން ވަނީ ސީ-ޓު-އެއާގެ ހިދުމަތާ ގުޅިފަ އެވެ. މި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ވެރިކަމުގެ ފުރަތަމަ އަހަރު ފެށްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެމްޕީއެލް އިން ބުނީ މި ހިދުމަތް މިހާރު ބާރު ސްޕީޑްގައި ފުޅާވަމުން އަންނަ ކަމަށާއި މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިގްތިސާދަށް ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާ ކަމަށެވެ.