ސީ ޓް އެއާ ކާގޯ

ސީ-ޓު-އެއާ ހިދުމަތުން ތިން މިލިއަން ޑޮލަރުގެ އާމްދަނީއެއް

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން "ސީ-ޓު-އެއަރ ކާގޯ" ޚިދުމަތް ވަނީ އަހަރެއްހާ ދުވަސްތެރޭ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

މި އަހަރުގެ މާޗު މަހު ތައާރަފުކޮށް، މެއި މަހު ފުރަތަމަ ޝިޕްމަންޓް ފޮނުވި މި ހިދުމަތުން މިހާތަނަށް ރާއްޖޭގެ އިގްތިސާދަށް 3 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފަ އެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް މުހިއްމު މަންފާތަކެއް ލިބެމުންދާ އައު ވިޔަފާރި ދާއިރާއެއްގެ ގޮތުގައި އެމްޕީއެލްއިން ފާހަގަކުރެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 210 ކޮންޓެއިނަރުގެ މުދާ ވަނީ ކަނޑުމަގުން ރާއްޖެ އައުމަށްފަހު، ވައިގެމަގުން އެކި ގައުމުތަކަށް ފޮނުވާފަ އެވެ. މި މުދަލުގެ ޖުމްލަ ބަރުދަނަކީ އެއް މިލިއަން އަށްހާސް (1,008,000) ކިލޯ އެވެ.

"މި ހިދުމަތް ވަނީ ރާއްޖޭގެ ބަނދަރުތަކުގައި އާ ވިޔަފާރިއެއްގެ ދޮރު ހުޅުވާލާފައި. ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދީފައި. އަދި ޒުވާނުންނަށް ވަޒީފާގެ އާ ފުރުސަތުތަކެއް ތަނަވަސްވެގެން ގޮސްފައި،" ވަޖީހު ވިދާޅުވި އެވެ.

މި ހިދުމަތުގެ ދަށުން މުދާ އުފުލުމުގައި 11 އެއާލައިނެއް ބައިވެރިވެފައިވާއިރު މުދާ ފޮނުވަނީ އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ އެކި ގައުމުތަކަށެވެ. މި ހިދުމަތުގެ ދަށުން އެންމެ ގިނައިން ފޮނުވަނީ ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.

އެމްޕީއެލްގެ އިސްވެރިން ފާހަގަކުރައްވާ ގޮތުގައި މިއީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުރަމުންދާ އަދި އެ ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާ ވިޔަފާރިއެކެވެ. ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިގްތިސާދަށް މީގެން ލިބޭ މަންފާ އިތުރުކުރުމަށް ރޭވިފައިވާ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި ހިދުމަތް ދެމުން ގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ. މި ތިން މުއައްސަސާގެ މެދުގައި ވިލަރެސް ކުރެވިގެން ކުރިއަށްދާ މި މަސައްކަތަކީ ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް ގެނެވުނު މުހިއްމު ކުރިއެރުމެއްގެ ގޮތުގައި އެމްޕީއެލް އިން ފާހަގަކުރެ އެވެ.