ދުނިޔެ

ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ރޯވެ، 15 މީހުން މަރުވެއްޖެ

Sep 10, 2016

ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ރޯވެ، އެ ފެކްޓްރީގައި މަސައްކަތްކުރަމުން ދިޔަ 15 މީހަކު މަރުވެއްޖެ އެވެ. މި ހާދިސާގައި 70 މީހުން ޒަހަމްވެސްވެފައިވެ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އުތުރުގައި އޮންނަ ޓޮންގީގައި ހުންނަ މި ފެކްޓްރީގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު 100 އެއްހާ މީހުން މަސައްކަތްކުރަމުން ދިޔަ ކަމަށްވެ އެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބޮއިލާއެއް ގޮވައިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދިވެސް ފެކްޓްރީގައި ހިފި އަލިފާންގަނޑު ކޮންޓްރޯލްނުވާ ކަމަށް އެމެޖެންސީ ސާވިސްއިން ބުނެ އެވެ.

"މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި، 70 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި،" ޒަހަމްވި މީހުންނަށް ފަރުވާދިނުމުގައި އުޅޭ ޑޮކްޓަރު ޕަރްވޭޒް މިއާ ބުންޏެވެ.

ބަންގްލަދޭޝްގެ ފެކްޓްރީތަކުގެ ސަލާމަތީ ކަންކަމާމެދު ގިނަ ބަޔަކު މީގެކުރިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މިދިޔަ އަހަރު ޑާކާގެ ފެކްޓްރީއެއްގައި ރޯވެ 13 މީހުން މަރުވެފައިވެ އެވެ.

އަދި 2012 ވަނަ އަހަރު ފެކްޓްރީއެއްގައި ރޯވެ 112 މީހުން މަރުވިއިރު 2013 ވަނަ އަހަރު ގާމެންޓް ކޮންޕްލެކްސްއެއް ވެއްޓި 1135 މީހުން މަރުވެފައިވެ އެވެ.