ދުނިޔެ

ފެނުގެ މައްސަލައިގައި ބެންގަލޫރުގައި ކުރި މުޒާހަރާ ހޫނުވެއްޖެ

Sep 13, 2016
2

އިންޑިއާގެ ބެންގަލޫރުގައި އޮންނަ ކައުވަރީ ކޯރުން ޓެމިލް ނާޑޫ އަވަށަށް ވަކި މިންވަރަކަށް ފެން ދޫކުުރުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ކަރްނާޓާކާ ސްޓޭޓްގެ މީހުން ނުކުމެ މުޒާހަރާ ކޮށްފި އެވެ. މި ދެ ސްޓޭޓްގެ މީހުންނަކީވެސް ދަނޑުވެރިކަން ކޮށް އުޅޭ ބައެކެވެ. އަދި މި ދެ ސްޓޭޓްގެ މީހުންވެސް ދަނޑުވެރިކަން ކުރަން އަދި ކެއިންބުއިމަށްވެސް ބޭނުންކުރަނީ ކައުވަރީ ކޯރުގެ ފެނެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވަނީ މިމަހުގެ 20 އާ ހަމައަށް ކައުވަރީ ކޯރުން 12،000 ކިއުސެކް ފެން ޓެމިލް ނާޑޫއަށް ދޫކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ކޯޓުން ކުރިން ކުރި ހުކުމްގައި ބުނެފައިވަނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް 15،000 ކިއުސެކްގެ ފެން ޓެމިލް ނާޑޫއަށް ދޫކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ނިންމުމާ ދެކޮޅަށްވެސް ކަރްނާޓަކާ އަދި ޓެމިލް ނާޑޫ އަވަށުގެ މީހުންވަނީ ހިންހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ.

މި ދެ ސްޓޭޓްގެ މީހުންވެސް މުޒާހަރާކުރީ އެ ސްޓޭޓްތަކަށް ފެން ލިބޭ މިންވަރު މަދުކަމަށް ބުނެ އެވެ. މިއަދުގެ މުޒާހަރާކޮށްފައިވަނީ ކަރްނާޓަކާއަށްވުރެ 48،000 ކިއުސެކް އިތުރަށް ޓެމިލް ނާޑޫއަށް ދޫކުރަން ޖެހޭތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކަރްނާޓާކް ސްޓޭޓްގެ މީހުން ބުނަނީ އެ ސްޓޭޓަށްވެސް ވާރޭ ނުވެހޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ފެނުގެ ދަތިކަން އެ ސްޓޭޓްގައި އިންތިހާއަށް ބޮޑު ކަމަށެވެ. އަދި ކޯޓުގެ މި ހުކުމާ އެއްގޮތަށް އަމަލުކޮށްފިނަމަ އެ ސްޓޭޓަށް ފެނުގެ ދަތިކަން އިތުރަށް ކުރިމަތިވާނެ ކަމަށެވެ. ޓެމިލް ނާޑޫގައި ކުރަމުންދާ މުޒާހަރާގައި މީހުންވަނީ ސަރުކާރުގެ ވެހިކަލްތަކަށް ގާ އުކާ އަލިފާން ރޯކޮށް ހަދާފަ އެވެ.

ހަމަނުޖެހުން ބޮޑުވެގެން ދެ ސްޓޭޓްގެ ދެމެދުގައި ބަސް ދަތުރުތައްވެސް މިހާރުވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

މިހަމަނުޖެހުންތަކުގައި މިހާތަނަށް އެކަކު މަރުވެފައިވާއިރު 2 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެެވެ. އަދި މުޒާހަރާގެ ތެރެއިން 225 މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.

ބެންގަލޫރަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުން އަންނަ އަވަށެކެވެ.