ސްރީލަންކާއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ޖަހައިދިނުން ހުއްޓާލައިފި އެވެ. ލަންކާއިން ބަނގްލަދޭޝްގެ ރައްިތުންނަށް އޮން އެރައިވަލް ވިސާގެ ހިދުމަތްދޭތާ އަހަރުތަކެއް ވެފައިވާއިރު ކުއްލިއަކަށް އެ ހިދުމަތް ހުއްޓާލާފައިވަނީ ބަންގްލަދޭޝްގެ ސަރުކާރަށް ވެސް އެކަން އެންގުމެއް ނެތި އެވެ.
ލަންކާގެ ސަންޑޭ ޓައިމްސް ނޫހުގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، ބަންގްލަދޭޝްގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ޖަހައިދިނުން ލަންކާއިން ހުއްޓާލުމާ ގުޅިގެން ބަނގްލަދޭޝުން ވެސް ލަންކާގެ ރައްޔިތުންނަށް އެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ. ލަންކާ އާއި ބަނގްލަދޭޝަކީ އެކުވެރިކަން ބަދަހި ދެގައުމެވެ. ނަމަވެސް ލަންކާއިން ކުއްލިއަކަށް ބަނގްލަދޭޝްގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ޖަހައިދިނުން ހުއްޓާލުމުން އެގައުމުން ވަނީ ޑާކާގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނާ ޔަސޯޖާ ގުނަސެކޭރާ އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ވެސް ކޮށްފަ އެވެ.
"ލަންކާ ހައިކޮމިޝަނާއެކު ޑާކާގެ ފޮރިން މިނިސްޓްރީގައި ގަޑިއެއް ހާއިރަށް ދެމިގެންދިޔަ ބައްދަލުވުމުގައި ބަނގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ލަންކާގެ ނިންމުމާ ގުޅިގެން ހުރި ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ނިންމި ސަބަބާމެދު ސުވާލުކޮށްފައި،" ސަންޑޭ ޓައިމްސް ގައި ބުނެފައިވެ އެވެ.
ބަނގްލަދޭޝްގެ ފޮރިން މިނިސްޓްރީން ކުރިމަތިކުރުވި ސުވާލުތަކަށް ލަންކާގެ ހައިކޮމިޝަނަރު ވިދާޅުވެފައިވަނީ، އެފަދަ ފިޔަވަޅެއް އަޅަންޖެހުނު ސަބަބެއް ނޭނގޭ ކަމަށާއި، ލަންކާގެ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމަށްފަހު ޖަވާބު ދެއްވާނެ ކަމަށެވެ. އަދި ލަންކާއިން އަބަދުވެސް ބަނގްލަދޭޝްގެ ރައްޔިތުންނަށް މަރުހަބާ ކިޔާނެ ކަމަށާއި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އެ މައްސަލާގައި ބަނގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެންގުމެއް ނެތި ލަންކާއިން ނެގި ކުއްލި ފިޔަވަޅާ މެދު އެގައުމު ހައިރާންވެފައިވާ ކަމަށާއި އެފަދަ ފިޔަވަޅެއް އަޅަން ޖެހޭ ވަރުގެ މައްސަލައެއް އެ ދެގައުމުގެ ދެމެދުގައި ޖެހިފައި ނެތް ކަމަށެވެ.
"..އެ ނިންމުމުގެ ފަހަތުގައި ކޮންމެ ފަދަ ސަބަބެއް އޮތަސް، ބަނގްލަދޭޝް ސަރުކާރަށް އެންގުމެއް ނެތި އެފަދަ ފިޔަވަޅެއް އެޅުމަކީ ކަންބޮޑުވާ ކަމެއް،" ޑާކާގައި ހުންނަ ބަނގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުންޏެވެ.