ދުނިޔެ

ދެކުނު ސޫދާނުން ހިޖުރަކުރި މީހުންގެ އަދަދު މިލިއަނަކަށް

Sep 17, 2016

ދެކުނު ސޫދާން ދޫކޮށް ހިޖުރަކުރި މީހުންގެ އަދަދު މިލިއަނަކަށް އަރައިފި އެވެ.

އދ. އިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުން އެ ގައުމުން ހިޖުރަ ކުރާ މީހުންގެ އަދަދު އިތުރުވެފައިވަނީ އެ ގައުމުގައި މިހާރު ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ސަބަބުންނެވެ. -- މި ހަނގުރާމައަކީ ރައީސް ސަލްވާ ކީރް އަދި ނައިބު ރައީސް ރީކް މައްޗަރުގެ ސަޕޯޓަރުންގެ މެދުގައި ކުރިއަށް ގެންދާ ހަނގުރާމައެެކެވެ.

ރިޕޯޓްގައި ބުނަނީ ހަނގުރާމައިގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ހިންގި ޖަރީމާތަކުގައި އެތައް ހާސް ބަޔަކަށް ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަކުރަން މަޖުބޫރުކޮށްފައިވާ ކަމަށެވެ. ހިޖުރަ ކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އަދި ހަނގުރާމައިގައި އަނިޔާ ލިބިފައިވާ މީހުން ވެސް ހިމެނެ އެވެ.

ކުޑަކުދިންގެ ތެރޭގައި ގަދަކަމުން މައިންބަފައިންނާ ވަކިކޮށްފައި ތިބި ކުދިން ގިނަ އަދަދަކަށް ހިމެނޭ އިރު އދ. ގެ ރިޕޯޓުގައި ބުނީ އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަވަސް ފަރުވާ ބޭނުންވެފައިވާ ކަމަށެވެ.

ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާގައި ހިނގާ ހަނގުރާމައިގެ ސަބަބުން މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް 185،000 މީހުން އެކި ގައުމުތަކަށް ހިޖުރަކޮށްފައިވެ އެވެ. އެންމެ ގިނަ މީހުން ހިޖުރަކޮށްފައިވަނީ އަވަށްޓެރި ޔުގެންޑާ އަށެވެ.