ޕާކިސްތާނުގެ މިސްކިތަކަށް އަމާޒުކޮށް ބޮމުގެ ވަރުގަދަ ހަމަލާއެއްގައިދީ 25 މީހުން މަރާލައިފި އެވެ.
ޖާނުން ފިދާވުމުގެ މި ހަމަލާ އަމާޒުކޮށްފައި ވަނީ ހުޅަނގު އުތުރުގެ ރަށެއްގައި އިއްޔެގެ ހުކުރު ވަގުތާއި ދިމާކޮށެވެ. ވަރުގަދަ އަޑުފައްގަނޑަކާއެކު ދިން މި ހަމަލާގައި މަރުވި މީހުންގެ އަދަދު 25 އަށް އަރާފައިވާއިރު 40 އަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ. ގާތްގަނޑަކށް 150 މީހުން ތިބި އެ މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެއެވެ.
ރިޕޯޓްތައް ބުނެފައި ވަނީ މި ހަމަލާއަކީ ދީނީ ޖަމާއަތުލް އަހުރާރުން ދިން ހަމަލާއެއް ކަމަށާއި ހަމަލާ އަމާޒުކޮށްފައި ވަނީ ލީޑަރުންނަށް ކަމަށެވެ. ތުހުމަތު ކުރެވިފައިވާ މި ޖަމާއަތަކީ ތާލިބާނުންނަށް ނިސްބަތްވާ ޖަމާއަތެކެވެ.
މީގެ ކުރިން ވެސް މފަދަ ހަމަލާތައް އަމާޒުވެފައިވާ ސަރަހައްދަށް ދިން މި ހަމަލާ ކުށްވެރި ކުރައްވާ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ ޓެރެރިޒަމާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ވަރުގަދަ ކުރައްވާނެ ކަމަށެވެ.