ނުރައްކާތެރި ކުށްވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭންގުތައް ހަދައިގެން ހަރަކާތްތެރިވާން ފެށި އިރެއް ބުނަން ދައްޗެވެ. ނަމަވެސް މާލޭގައި އެކި ހިސާބުތަކަށް އަމިއްލަ ނަންތަކެއް ހަދައިގެން، ގޭންގުތައް ގޮތުގައި 2004 ވަނަ އަހަރުގެ ކުރިންވެސް އެމީހުން ހަރަކާތްތެރިވިކަން އެނގެއެވެ. އޭގެ ފަހުން މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމަށް ފަހު ހިނގައިދިޔަ ދުވަސްތަކުގައި ސަބަބުތައް މެދުވެރިވެގެން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމަށް އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިޔައެވެ. އޭގެ ނަތީޖާއަކަށްވީ ރާއްޖޭގައި މާރަމާރިތަކާއި ކުށުގެ އަމަލުތައް އިންތިހާއަށް އިތުރުވެގެން ދިޔުމެވެ. ގިނަ އަދަދެއްގެ މީހުން ގާނޫނުތައް މުގުރައި ކުށަށް އަރައިގަންނަމުންދިޔަ އެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމަށް ފަހު ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ނަމަވެސް މާރަމާރީ އާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކާއި އެހެނިހެން ގިނަ ކުށްތައްވެސް މަދު ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ އެހާ ރަނގަޅެކޭއެއް ނުދެއްވޭނެ އެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައި ދެނީ ވެސް އެ ނަތީޖާ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ ރައީސް އަބްދުﷲ ޔާމީނަށެވެ.
"ރައީސް ޔާމިން ކެމްޕެއިން ދުވަސްކޮޅު އިދިކޮޅު ފަރާތްތައް ވަރަށް ގިނައިން ޕޯޑިއަމްތަކަށް އަރާ ދެއްކި ކުށުގެ ވެއްޓާ ރައީސް ޔާމީނާ ގުޅޫވައި ތުހުމަތުތައް ކުރި. ނަމަވެސް ހަގީގަތަކީ ރައީސް ނަޝީދު ސަރުކާރުގައި ރާއްޖެއިން ކުރި މަސައްކަތުގައި ވަނީ ފެއިލްވެފައި، ރާއްޖެ އަމާންތަނަކަށް ހެދުމުގައި ވަނީ ފެއިލްވެފައި." ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ. "ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން މަސައްކަތް ކުރެއްވީ ޒުވާނުން ކުރި އެރުވުމަށް. ސިޔާސީ މަސައްކަތުން ދުރުވެ ރައްޔިތުންނަށް މަސައްކަތް ކުރެއްވީ. އެހެންވެ މަގުމަތީ ކަމެއް ނެތިފައި ކުށަށް އަރާގަތުމުގެ ފުރުސަތު ހުރި ގިނަ ޒުވާނުން މިހާރު ވަނީ ބޮޑެތި ވަޒީފާތަކުގައި ހަރުދަނާ މަސައްކަތުގައި. އަދި ކުށަށް އަރައިގަނެފައި ތިބި މީހުންވެސް އިސްލާހުކޮށް އެމީހުނަނަށް މުޖުތަމައުގައި ފުރުސަތު ހޯދައިދެމުން ދަނީ،"
ރައްކާތެރި މާހައުލެއް ހޯދައި ދެވުނީ ކޮން ސަރުކާރެއްގައިތޯ ކުރާ ސުވާލަށް ވަރަށް ގިނަ ވާހަކަ ދެކެވިދާނެ އެވެ. އެހެން ކަމުން ފުލުހުންގެ އެނުއަލް ކްރައިމް ރިޕޯޓަށް ބަލައިލާއިރު 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމަޔަށް ހުރި ކުށުގެ ރިކޯޑާއި 2014 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމަޔަށް ކުށުގެ މާހައުލަށް ކިހާވަރެއްގެ ބަދަލެއް އައިސްފައިވޭތޯ ބަލައިލުން ރަނގަޅެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް މާރާމާރީއާ ގުޅޭ 3870 މައްސަލަ ފައިލް ކުރެވިފައި ވެއެވެ. ނަމަވެސް 2014 ފެށިގެން 2016 އާ ހަމަޔަށް ވަނީ އެ އަދަދު ވަނީ 2555 އަކަށް ދަށް ވެފަ އެވެ. މިއީ މާރަމާރީގެ އަދަދު 34 ޕަސަންޓު ދަށްވުމެވެ.
ދެހާސް އެގާރައިން 2013 ފޭރުމުގެ މައްސަލައިގެ އަދަދު 17،987 ގައި ހުރި އިރު 2014 އިން 2016 އަށް ވަނީ 11،682 އަށް ދަށްވެފައެވެ. އެއީވެސް ކުށުގެ ވެއްޓަށް އައި 35.1 ޕަސަންޓް ދަށަށް ދިޔަ ބަދަލެކެވެ. މީގެ އިތުރުން 2011 ވަނަ އަހަރުން ފެށިގެން 2013 އަށް 2419 ގައި ހުރި ވައްކަމުގެ މައްސަލަތައް 2014 އިން 2016 އަށް ވަނީ 1699 އަކަށް މަދުވެފައެވެ.
އަޅާ ކިޔާ ތާރީހުތަކާ ގުޅުވާއިރު މަސްތުވާތަކެތީގެ މައްސަލަތައް 8321 އިން 6865 އަށް ދަށް ކުރެވިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމަޔަށް 1793 މައްސަލަ ހުރި ޖިންސީ ފުރައްސާރަ ކުރުން މިހާރު ވަނީ 25 ޕަސަންޓު ދަށްކުރެވިފައެވެ. މަކަރާއި ހީލަތުގެ މައްސަލަތައް ވެސް ވަނީ 33.1 ޕަސަންޓު ދަށްކުރެވިފައެވެ.
މި އިންޑިކޭޝަންތަކުން ދައްކާ ގޮތުން ކުށުގެ ވެއްޓަށް ބަދަލެއް އައިސްފި އެވެ. އެއީ މީގެ ކުރިން ނުފެންނަ ބަދަލެކެވެ. މީގެ ކުރިން 2008 ވަނަ އަހަރުން ފެށިގެން 2014 އާ ހަމައަށް ނަމްބަރުތައް ހުރީ މައްޗަށް ހިފާފަ އެވެ. އެ ހިސާބުން ނަމްބަރުރައް ހުރީ ވެއްޓެން ފަށާފަ އެވެ.
ކުށުގެ ވެށި ބަދަލުކޮށްލުމަށް މިފަހުން ހިންގި އެންމެ ކާމިޔާބު އެއް ޕްރޮޖެކްޓަކީ ގޭންގުތަކުގައި އުޅޭ ކުޑަކުދިން ދ. ވާނީއަށް ފޮނުވާ އިސްލާހު ކުރުމުގެ މަސައްކަތެވެ. އެ ކުދިން ބަދަލުވެ އިސްލާހު ވެގެން އައިސް މައިންބަފައިންގެ ލޮލުން އުފަލުގެ ކަރުނަތައް އޮހިގެން ދިޔަތަން ދާދި ފަހުން ވަނީ ފެނިފައެވެ. އެއީ އެފަދަ ޕްރޮގްރާމަކުން މީގެ ކުރިން ރާއްޖޭގައި ނުކުތް ނަތީޖާއެއް ނޫނެވެ.
މީގެ އިތުރުން ބޮޑެތި ކުއްތަކަށް އަރާ ގޭންގުތަކުގެ ލީޑަރުންނަށް މޮނިކޮން އަމުރު ނެރެ ފައިގާ މިހާރު ވަނީ ޓެގު އަޅުވާ މޮނިޓާކުރެވެމުންނެވެ. މިއީސް ގޭންގުތައް ސައިޒުކޮށްލައި ރާއްޖެ އަމާންކޮށްލި އެއް ނިޒާމެވެ. ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މިނޫނަސް އައި ގިނަ ކަންތަކެއްގެ ސަބަބުން ކުށުގެ ވެށި ބަދަލުވެ އާމާން ކަން ކުރިޔަށްވުރެ ބޮޑުތަނުން ރަނގަޅެވެ.
ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ އިންސްޕެކްޓާ އޮފް ޕޮލިސް މޫސާ ރަޝީދު ވިދާޅުވި ގޮތުގައި ކުށުގެ ވެށިން މީހުން ނެރެ އަނބުރާ މުޖުތަމައުއަށް ގެންދަން ކުރާ މަސައްކަތްތައް ހަތަރު ބަޔަކަށް ބެހިގެން ދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންނާއި މައިންބަފައިންގެ އިތުރުން އެންޖީއޯ އަދި ސަރުކާރުގެ މުވައްސަސާތައް ވެސް ހިމެނެއެވެ.
"ހުރިހާ ފަރާތްތަކަށް އަމާޒުކޮށް އެތަށް ކޭމްޕުތަކެއް ކުރިޔަށް ގެންދަން. އޭގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކޮށް ރެޑީ ކޭމްޕު އަދި ޒުވާނުންނަށް ބްލޫ ފޯ ޔޫތު އަދި ދެ އުމުރު ފުރާގެ މީހުން ހިމަނައިގެން ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމްތަކެއް ހިންގަން. ގިނަ މީހުން ކައިރީ ހަރުކަށިކޮށް ބުނެގެން ކުއްލިއަކަށް ރަނގަޅެއް ނުވާނެ. އެހެންވެ ޒުވާނުން ބޭނުންވާ ކުޅިވަރެއް ދަސްކޮށްދީ އޭގެ ތެރެއިން އެމީހުންގެ އަހުލާގު ރަނގަޅު ކުރުވަން އަޅުގަނޑުމެން މަސައްކަތް ކުރަނީ. މި ތިން އަހަރު ތެރޭގައި ކްރައިމް ރިކޯޑު އެހާ ބޮޑަށް ވެއްޓިފައި ވަނީ ވެސް އެހެންވެ،" މޫސަ ވިދާޅުވި އެވެ.
ފުލުހުން މިއަހަރު މިހާތަނަށް ވަނީ 21 ރެޑީ ކޭމްޕް ބާއްވާފަ އެވެ. އަދި އަހުލާގު ޕްރޮގްރާމްތައް ހިންގި އެވެ. ޒުވާނުންނަށް އަމާޒުކޮށް ބްލޫސް ފޯ ޔޫތު ކޭމްޕުގެ 27 ކޭމްޕް ބޭއްވި އެވެ.