އެމރިކާގެ ނިއުޔޯކް ސިޓީގައި ބާރުގަދަ އެއްޗެއް ގޮއްވާލާ 29 މީހުން ޒަހަމްކޮށްލައިފި އެވެ.
ނިއުޔޯކްގެ ޗެލްސީއަށް އިއްޔެ ދިން މި ހަމަލާ އާ ބެހޭގޮތުން މޭޔަރު ބިލް ދި ބްލާސިއޯ ވިދާޅުވީ މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވާކަމަށާއި މި ހަމަލާ އެއްވެސް ޓެރަރިސްޓު ޖަމާއަތަކާ ގުޅުން ހުރިކަން މިހާތަނަށް ކުރެވުނު ތަހުގީގްތަކުން ނުދައްކާ ކަމަށެވެ.
މިހަމަލާ ދޭން ބޭނުންކުރި ޑިވައިސް ވަނީ ހަމަލާދިން ސަރަހައްދާ ތަންކޮޅެއް ދުރުން ފެނިފައި ކަމަށް އޮފިޝަލުން ބުނެ އެވެ. އެ ޑިވައިސް އޮތީ މޯބައިލް ފޯނަކާ ގުޅުވާފައި ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.
ނިއުޔޯކްގެ ފަޔާ ކޮމިޝަނުން ބުނީ ޒަހަމްވި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާނުވާ ކަމަށާއި ނަމަވެސް އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. މި ހަމަލާ ދީފައިވަނީ ރޭ 9:00 ހާއިރު އެވެ. އަދި މި ހަމަލާއަކީ އޭގެ ކުޑަ ދެތިން ގަޑިއިރު ކުރިން ނިއު ޖާޒީއަށް ދިން ހަމަލާއާ ގުޅުން ހުރި ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ. އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ޗެލްސީ އަކީ ނިއުޔޯކްގެ ޑިސްޓްރިކްޓްތަކުގެ ތެރެއިން ހަފްތާ ބަންދުތަކުގައި އެންމެ ބާރު ބޮޑުވާ އެއް ޑިސްޓްރިކްޓެވެ.