މިިދިޔަ ހޮނިހިރު ދުވަހު ނިއުޔޯކް ސިޓީގެ ޗެލްސީގައި ހަމަލާ ދީފައިވަނީ ޕްރެޝަރު ކުކަރެއް ގޮއްވާލައިގެން ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެ ކުކަރުގެ ތެރެއަށް ދަގަނޑު ކޮޅުތަކެއް އަޅާފައިވާ ކަމަށްވެ އެވެ.
މިހަމަލާގައި 29 މީހުން ޒަހަމްވެފައިވެ އެވެ. ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު މިއީ ޓެރަރިސްޓް ޖަމާއަތަކާއި ގުޅުންހުރި ހަމަލާއެއްކަން އަދި ސާފެއް ނުވެ އެވެ. ފުލުހުން ވަނީ އޭތި ގޮއްވާލި ސަރަހައްދާ ކައިރި ހިސާބަކުން ކްރިސްމަސް ބޮކި ހަރުކޮށްފައިވާ ޕްރެޝަރު ކުކަރަކާއި މޯބައިލް ފޯނެއް ހޯދާފަ އެވެ.
ފުލުހުން ބުނީ އެހަމަލާ ދީފައިވަނީ ޕްރެޝަރު ކުކަރުގެ ތެރެއަށް ގޮވާ ޒާތުގެ އެއްޗެހި އަޅައިގެން މޯބައިލް ފޯނެއްގެ އެހީގައި ކަމަށެވެ.
މި ހަމަލާ ދިނުމުގެ ދެތިން ގަޑިއިރު ކުރިން ނިއު ޖާޒީއަށް ދިން ހަމަލާއާ ގުޅުން ހުރި ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ. އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނިއު ޖާޒީއަށް ހަމަލާ ދީފައިވަނީ ޑަސްބިނެއް ތެރޭގައި ޕައިޕް ބޮމެއް ގޮއްވާލައިގެންނެވެ.
އެހަމަލާތަކާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް އެގައުމުގެ ފުލުހުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ޗެލްސީ އަކީ ނިއުޔޯކްގެ ޑިސްޓްރިކްޓްތަކުގެ ތެރެއިން ހަފްތާ ބަންދުތަކުގައި އެންމެ ބާރު ބޮޑުވާ އެއް ޑިސްޓްރިކްޓެވެ.