ދުނިޔެ

މުސްލިމުން ބޮއިކޮޓް ކުރުމަށްފަހު ޓްރަމްޕްގެ އަމާޒު މެދުއިރުމައްޗަށް

Sep 21, 2016

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރެއްވި ކެމްޕޭންގައި އެމެރިކާއަށް އެހެން ގައުމުތަކުގެ މުސްލިމުން އެރުން މަނާ ކުރާނެ ކަމަށް ވިދާޅުވި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ އެންމެ ބޮޑު ގައުމު މިސްރުގެ ރައީސް އަރިހަށް ޒިޔާރަތް ކުރައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އުޅުއްވާ މިސްރުގެ ރައީސް ޖެނަރަލް އަބްދުލް ފައްތާހް އައް ސީސީއާ ބައްދަލު ކުރައްވައި ޓްރަމްޕް ވަނީ "ސުލްހައް ލޯބި ކުރާ މުސްލިމުންނާ މެދު އޭނާގެ ހިތްޕުޅު ރަނގަޅު ކަމަށް" ވިދާޅުވެފައެވެ.

ޓެރަރިޒަމާ ދެކޮޅަށް މިސްރުގެ ސަރުކާރުން ކުރަމުން ގެންދާ ހަނގުރާމައަށް ޓްރަމްޕްގެ ތާއިދު އޮތް ކަން ވަނީ ހާމަ ކުރައްވާފައެވެ. އަދި ޓްރަމްޕްގެ ވެރިކަމުގައި މިސްރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިކަމަށް ޓްރަމްޕްގެ ކެމްޕޭން އޮފީހުން ބުނެއެވެ.

"ކުރިއަށް އޮތް ދުވަސް ވަރަކީ އެމެރިކާ އާއި މިސްރުގެ ގާތްކަން އިތުރުވެގެންދާނެ ދުވަސްވަރެއް. މިސްރު ވެގެންދާނީ އެމެރިކާގެ ބައިވެރިއަކަށް އެކަންޏެއް ނޫން. އެމެރިކާގެ ދައުލަތުގެ އެންމެ އެކުވެރިޔަކަށް ވެގެންދާނީވެސް މިސްރު" ސީސީގެ އަރިހުގައި ޓްރަމްޕް ވިދާޅުވިއެވެ.

މުސްލިމުން ބޮއިކޮޓް ކުރުމަށްފަހު، ޓްރަމްޕް ސީސީ އާ ބައްދަލު ކުރެއްވުމުން، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓްރަމްޕަށް ފާޑު ކިޔާފައެވެ.

އެކަމާ ބެހޭގެތުން ޓްރަމްޕގެ ކެމްޕޭން އޮފީހުން ބުނީ "ސީސީ އަކީ ސުލްހައް ލޯބި ކުރާ މުސްލިމެއް ކަމަށް" ވިދާޅުވި ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންވެސް ސީސީ އާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.