ދުނިޔެ

ޖޯޖް ހާބަޓް ބުޝް ވެސް ތާއީދު ކުރައްވާނީ ހިލަރީ އަށް

Sep 21, 2016

އަންނަ ނޮވޮމްބަރު މަހު އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޖޯޖް ހާބަޓް ބުޝް ތާއިދު ކުރައްވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަން އަށް ކަމަށް އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯން އޮފް ކެނެޑީގެ އާއިލާއިން ބުނެފިއެވެ.

އެމެރިކާގެ މެރީލޭންޑްގެ ކުރީގެ ޑެޕިޔުޓީ ގަވަރުނަރު ރޮބަޓް އެފް ކެނެޑީގެ ދަރިކަނބަލުން ކެތުލީން ކެނެޑީ އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް "ހާބަޓ ބުޝް ރިޔާސީ އިންތިހާބުގައި ވޯޓް ދެއްވާނީ ހިލަރީއަށް ކަމަށް އަހަރެން ގާތު ވިދާޅުވި" ކަމަށެވެ.

އެޗް ބުޝް ހިލަރީއަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވިއިރު، އޭނާގެ ދަރިކަލުން އަދި ކުރީގެ ރައީސް ޖޯޖް ވޯލްކާގެ ކޮއްކޮ ޖެބް ބުޝް އަކީ، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ޑޮނަލްޑް ޓަރަމްޕާ ވާދަ ކުރެއްވި ކެނޑިޑޭޓެވެ.

ބުޝްގެ އާއިލާގެ ތަރުޖަމާން ޖިމް އެމްސީ ގެރެތު ދަ ގަޑިއަންއަށް ވިދާޅުވީ "ރައީސް ހާބަޓް ބުޝް ވޯޓް ދެއްވާނީ ސިއްރު ވޯޓެއް. ހަވަޑް ބުޝްއަކީވެސް އާންމު ފަރުދެއް. ކޮންމެ ފަރުދެއްގެ ވޯޓަކީވެސް ސިއްރު ވޯޓެއް" ކަމަށެވެ.

ކުރީގެ ރައީސް ޑަބްލިއު ބުޝްވެސް މިހާތަނަށް ތާއީދު ކުރައްވާނެ ވަކި ކެނޑިޑޭޓެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

ހާބަޓް ބުޝް ހިލަރީއަށް ތާއީދު ކުރައްވައިފިނަމަ އޭނާ ވެގެންދާނީ މިފަހަރުގެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފާހަގަ ކުރެވޭ ލީޑަރުންގެ ތެރެއިން ޕާޓީ ލައިންއާ ހިލާފްވެވަޑައިގަންނަވާ އެންމެ މުހިންމު ލީޑަރަށެވެ.