ބޭރު ކުޅިވަރު

މެސީ ތިން ހަފުތާއަށް ކުޅުމާ ދުރަށް

Sep 22, 2016

ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ބާސާގެ ވިންގާ ލިއޮނަލް މެސީ ތިން ހަފުތާއަށް ކުޅުމާ ދުރައްދާން ޖެހިއްޖެއެވެ.

ރޭ ގެ މެޗްގައި ލިބުނު އަނިޔާ އާ ގުޅިގެން މެސީ ވަނީ 59 ވަނަ މިނެޓްގައި ބަދަލުކޮށްފައެވެ.

ބާސާއިން ބުނީ ލިބުނު ކަނާތު ފައިގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ސަބަބުން، ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ.

ބާސާއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ މެސީ އަށް ލިބުނު އެ އަނިޔާއާ ގުޅިގެން، ސްޕެނިޝް ލީގްގައި ސްޕޯޓިން ޖިއޯން އާ ދެކޮޅަށް ބާސާ ކުޅޭ މެޗާއި ސެލްޓަވޯގޯއާ ދެކޮޅަށް ކުޅޭ މެޗްގެ އިތުރުން ޗެމްޕިއަންސް ލީގްގައި ބްރޫޝިއާ މެންޗެން ގްލެބާޗްއާ ދެކޮޅަށް ކުޅޭ މެޗްވެސް އޭނާ އަށް ނުކުޅެވޭނެއެވެ.

އާޖެންޓީނާގެ ގައުމީ ކެޕްޓަންކަން ކުރާ މެސީ އަށް ބައިނަލްއަގްވާމީ މެޗްތަކުގެ ތެރެއިން އަންނަ މަހު ހަތް ވަނަ ދުވަހު ޕެރޫ އާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހު 12 ވަނަ ދުވަހު ޕެރަގްއޭއާ ދެކޮޅަށް ކުޅޭ މެޗްގައިވެސް މެސީ އަށް ނުކުޅެވޭނެއެވެ.

ކަނޑައެޅިފައިވާ ގޮތަށް މެސީގެ ރިކަވަރީ ޕްރޮގްރާމް ކުރިއަށްދާ ނަމަ، އެންމެ އަވަހަށްވެސް އޭނާ އަށް މެޗް ކުޅެވޭނީ އަންނަ މަހު 15 ވަނަ ދުވަހު ބާސާ ޑިޕޯޓިވޯ ލަކަރޫނިއާ އާ ދެކޮޅަށް ކުޅޭ މެޗްގައެވެ.