ދުނިޔެ

ނަސްލީތަފާތުކުރުމުގެ މައްސަލަ ބޮޑު އެމެރިކާގެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު

Sep 22, 2016

އެމެރިކާގެ އުތުރު ކެރޮލީނާ ސްޓޭޓްގެ ޗާލޯޓޭ ސިޓީގައި، ކަޅު މީހުންނަށް ދޭ ހަމަލާތަކާ ދެކޮޅަށް މުޒާހަރާ ކުރުމަށް ނިކުތް މީހުން ހަމަނުޖެހުން ހިންގުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

މިއީ ކަޅު މީހުންނާ ދެކޮޅަށް ދޭ ހަމަލާ ތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އުތުރު ކެރޮލީނާގައި މުޒާހަރާ ކުރާ ތާ ދެ ވަނަ ރެއެވެ. އެތައް ސެތޭކަ ބަޔަކު ވަނީ ކަޅު މީހުންނަށް ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލައި މަގުތަކަށް ނިކުމެފައެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ނިކުތް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެކަކުގެ ހާލުވަނީ ވަރަށް ބޮޑަށް ސީރިއަސްވެފައެވެ. އަދި ފުލހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ގިނަ އަދަދަކަށް ޕެޕަސްޕްރޭ ޖަހާފައެވެ.

ކަޅު މީހުންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އާންމުން މަގުމައްޗަށް ނިކުތީ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ކެއިތު ލެމޮންޓް ސްކޮޓް، 43 ގެ ގަޔަށް، މިދިޔަ އަންގަރަ ދުވަހުގެ ރޭ އެމެރިކާގެ ފުލުހަކު ބަޑި ޖަހައި މަރައިލުމުންނެވެ.

ފުލުހުން ބުނީ ސްކޮޓް މަރާލީ އޭނާގެ އަތުގައި ބަޑިއެއް އޮތުމުން، އެ ބަޑި ހަވާލު ކުރުމަށް ބުނުމުންވެސް ހަވާލު ނުކުރުމުން ކަމަށެވެ. ނަމަވެސް ސްކޮޓްގެ އާއިލާއިން ބުނީ އެވަގުތު އޭނާގެ އަތުގައި އޮތީ ފޮތެއް ކަމަށެވެ.

އުތުރު ކެރޮލީނާގެ ގަވަރުނަރު ޕެޓް އެމްސީ ކްރޮރީ ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މުޒާހަރާއަށް ނިކުތް މީހުން ނޫސްވެރިންނަށާއި އާންމުގެ މުދަލަށް ގެއްލުން ދޭން ފެށުމުން ކަމަށެވެ. އަދި އެމީހުން އަލިފާން ބޯޅަވެސް ބޭނުން ކުރި ކަމަށެވެ. އިއްޔަ ރޭ މުޒާހަރާ ތަކުގައި 16 ފުލުހަކަށްވެސް ވަނީ އަނިޔާވެފައެވެ.