ހަބަރު

ހަނގުރާމައަށް ދިވެހިން ދާ ސަބަބު: ނުބައި ފަތުވާއިން ސިކުނޑި ދޮވެލަނީ

  • ޖިހާދަށް ގިނައިން ދަނީ ބޮޑެތި މުޖުރިމުން
  • ސިޔާސީ ބައެއްގެ އަތެއް ނެތް
  • ޖިހާދުގެ މާނަ އޮޅުވާލައިގެން ފަތުވާ ދޭ

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ގިނައިން ދަނީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ކަމަށާއި އެގޮތަށް އެކަން ދިމާވަނީ، އެ ކުށްތަކުން ތައުބާވެވޭނެ ހަމައެކަނި ގޮތަކީ ޖިހާދު ކޮށް މަރުވުން ކަމަށް ބަޔަކު އެ މީހުންނަށް ވިސްނަ ދޭތީ ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފި އެވެ.

ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބު ދެނަގަތުމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ހެދި ދިރާސާއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ކާނަލް އަބްދުއް ރަހީމް އަބްދުލް ލަތީފް މިއަދު ވިދާޅުވީ ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހުއްޓުވޭނީ އެކަން ކުރާ ސަބަބުތައް ދެނެގަނެވިގެން ކަމަށާއި އެގޮތުން ކައުންޓާ ޓެރަރިޒަމް އިން ހެދި ސްޓަޑީއިން ގިނަ ހޯދުންތަކެއް ހޯދައިފަވާ ކަމަށެވެ.

އެ ސްޓަޑީގެ މައިގަނޑު ހޯދުންތަކުން ފާހަގަ ކުރެވިފައި ވަނީ ކުށްތަކެއް ކުރެވި އޭގެން ސަލާމަތް ނުވާނެ ހިސާބަށް ގޮސް، އެކަމުގެ މާޔޫސްކަމުގައި ތިބެ އަނބުރާ މުޖުތަމައުއިން ނިކުންނަ އިރު ބަލާ ނުގަންނަ ފަދަ ހާލަތްތަކުގައި ތިބޭ މީހުންގެ ސިކުންޑިތަކަށް ނުބައި ފިކުރެއް ވައްދަން ބަޔަކު މަސައްކަތް ކުރާ ކުރުމެވެ. އެމީހުންނަށް ބޭރުގައި ހިނގާ ހަނގުރާމައަށް ގޮސް މަރުވުން ނޫން އެހެން ގޮތެއް ނެތް ކަމަށް ބަޔަކު ކިޔާދޭ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ބައެއް މީހުން އަމިއްލައަށް އެކި ގޮތުން ލާރި ހޯދައިގެން ދިވެހިން ހަނގުރާމައަށް ފޮނުވާ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ބައެއްގެ އަތެއް ނެތް ކަމަށް ދިރާސާއިން ވަނީ ހާމަވެފަ އެވެ.

"އަޅުގަނޑުމެންނަކީ 100 ޕަސަންޓު އިސްލާމް ގައުމަކަށް ވާއިރު އަޅުގަނޑުމެންގެ ތެރޭގައި އެކި ކުށްތަކަށް އަރާގަނެގައިވާ މީހުން ތިބޭ. އެމީހުންނަށް މި ހަރުކަށި ވިސްނުން ލާދިނުމަށްޓަކައި ދެކެވޭ އެންމެ ބޮޑު ވާހަކައަކަށް ދެން އެއްވެސް ގޮތެއް ނެތޭ ސަލާމަތްވާކަށް. ހަމައެކަނި އޮތް ގޮތަކީ ޖިހާދު ކުރުން ކަން. ނަމަވެސް ޖިހާދު ކުރުމަކީ ކޮބާކަން ރަނގަޅަށް ނުބުނެދީ އޭގެ ނުބައި މައުލޫމާތު ދީ މީހުންގެ ސިކުނޑިތަކަށް މިވައްދާދެނީ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް ވިދާޅުވީ ހަނގުރާމައަށް ދިޔުމުގެ ފިކުރު އެންމެ ގިނައިން ފަތުރަނީ އިންޓަނެޓު ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި މެސެޖުތައް ފަތުރާ ރާއްޖެއިން ބޭރުގައި ހަނގުރާމާގައި އުޅޭ މީހުންގެ ފަރާތުން އެކި މެސެޖުތައް ވެސް ޕާސްކޮށްދީފައި ހުންނަ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ. މީގެ އިތުރުން ރައްޓެހިންނާއި ގްރޫޕެއްގެ ފަރާތުން އަދި އާއިލާގެ މެންބަރަކުވެސް އެ ފިކުރު ހުރި ނަމަ އެކަން ފަތުރަން މަސައްކަތް ކުރާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

"މިކަހަލަ ފާހަގަ ކުރެވޭ ވާހަކަތަކެއް ނޫނީ ހަރަކާތްތައް އުޅޭ ނަމަ އެހެން ދަރަޖައަށް އަރާގަތުމުގެ ކުރީގައި އެކަން އަޅުގަނޑުމެނަށް ހިއްސާކޮށްފި ނަމަ އެކަން ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ. އަދި މިހާތަނަށް އާއިލާތަކުން ދެމުން ގެންދާ އެހީތެރިކަން ވެސް ފާހަގަކޮށް ޝުކުރު އަދާކުރަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.