ހަބަރު

ޓެރަރިޒަމްގެ ނުރައްކަލުން ޓޫރިޒަމް ސަލާމަތް ކުރަން ޕްރޮގްރާމްތަކެއް

ޓެރަރިޒަމްގެ ނުރައްކާތެރި އަމަލެއް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހިނގާފާނެތީ އެކަމަށް ރިސޯޓުތައް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމަށް މިއަދު ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ޓޫރިޒަމްގެ ދާއިރާއަށް ބިނާވެފައި އޮންނަ އިރު ކުރިޔަށް އޮތް ތަނުގައި ޓޫރިޒަމްގެ ދާއިރާއަށް ޓެރަރިޒަމްގެ ނުރައްކާތެރިކަމެއް ހިނގާފާނެ ކަމަށް ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ހާއްސަ ޕްރޮގްރާމްތަކެއް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ތަމްރީން ޕްރޮގްރާމްތައް އަމާޒު ވެގެންދާނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ އިސް ބޭފުޅުންނާއި އެދާއިރާގައި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ޓަރަރިޒަމްގެ ހަރަކާތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ އެފަދަ އަމަލެއް ހިންގަފާނެ މީހުން ދެނެގަންނާނެ ގޮތްތައް ދަސްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މަޓީ [މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ]އަށް އަނގާފައިވާނެ ރިސޯޓުތަކުން ފޯކަލް ޕޮއިންޓެއް ހޯދައިފަ އަޅުގަނޑުމެންނާއި އެކު މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރަން. އެއްވެސް ވަރަކަށް ޓެރަރިޒަމްގެ ނުރައްކާތެރިކަމެއް ހިނގުމަށް މެދުވެރިވެދާނެ އެއްވެސް ކަމެއް ނުވަތަ ޝައްކު ކުރެވޭ މީހެއްވެސް ހުރި ކަމެއް ވެދާނެ ދެނެގަތުމާއި މައުލޫމާތު ހިއްސާ ކުރުމަށް. މިކަންކަން ކުރިޔަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ސަބަބުން ޓޫރިޒަމްއަށް ގެއްލުން ވެދާނެ ކަމަށް ބަލާ އެކަމަށް ތައްޔާރުވަމުން ދާއިރު މިނިސްޓަރު ވިދާޅުވީ ދިވެހިން ހަނގުރާމައަށް ދާ ސަބަބުވެސް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފްސީލް ރިޕޯޓެއް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.