އަނިޔާވުމުން ބާސެލޯނާއިން މެސީއާ މެދު އަޅާ ނުލާ ކަމަށް ބުނެ އާޖެންޓީނާގެ ކޯޗް އެޑްރިގޯ ބައުޒާގެ ރުޅިވެރިކަން ބާސާއަށް އޮއްސާލައިފި އެވެ.
މެސީއަށް އަނިޔާވެ ސީޒަންގެ ކުރީ ކޮޅު އޭނާގެ ކުޅުމަށް ވަނީ މައްސަލަ ކުރިމަތިވެފަ އެވެ. ސީޒަން ފެށުނު ތަނުން، އޭނާގެ ފަލަމަސް ގަނޑަށް އަނިޔާވުމުން މައްސަލަ ކުރިމަތިވި އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އެތުލެޓީކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗްގައި އުކުޅުވަޅަށް ލިބުނު އަނިޔާގެ ސަބަބުން މެސީ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެކަން ބާސާއިން ވަނީ ބުނެފަ އެވެ.
މިޔާއެކު ބާސާގެ އިތުރުން އާޖެންޓީނާގެ ގައުމީ ޓީމު އަންނަ މަހު ކުޅޭ ދެ މެޗްގައި ވެސް މެސީއަށް ނުކުޅެވޭނެ ކަން ވަނީ ޔަގީންވެފަ އެވެ. ބާސާއިން ބުނީ މެސީއަށް އަނީޔާވީ މިސީޒަންގައި ބާސާ ކުޅޭ މެޗްތަކުގެ ތާވަލު އޮތް ގޮތުން ކައިރި ކައިރީގައި މެޗްތައް ކުޅެން ޖެހުން ކަމަށެވެ.
ނަމަވެސް ބައުޒާ ބުނީ މެސީއަށް އަނިޔާވީ ބާސާގެ މިސްމެނޭޖްމެންޓްގެ ސަބަބުންނެވެ.
"ބާސެލޯނާއިން އަހަރެމެންނަށް އެންގި މެސީ އަށް ރަނގަޅަށް އަޅާ ލުމަށް. އެކަމަކު މީގެ ހަގީގަތަށް ބުނަންޏާ އެމީހުން (ބާސާ) އިން މެސީއާ އެހާބޮޑަށް އަޅައެއް ނުލާ. އަހަރެން ހައިރާންވި ބާސާގައި މެސީއަށް ކުރިމަތިވެފައިވާ ވަރުބަލި ކަމުގެ ސަބަބުން އެޓީމުން އޭނާ ލައްވައި ކުޅުވީ އެއްވެސް އަރާމެއް ނެތި އެމީހުން ބޭނުންވާ ހާ ގިނައިން" ފޮކްސް ސްޕޯޓްސްގައި ވާހަކަ ދައްކަމުން ބައުޒާ ބުންޏެވެ.
ބާސާގެ މެޑިކަލް ޓީމަށް އިތުބާރު ނެތް ކަމަށާއި މެސީގެ އިންޖަރީ ދެނެގަތުމަށް މަސައްކަތް ކުރާނީ ސީދާ އާޖެންޓީނާގެ ގައުމީ ޓީމުގެ ޑޮކްޓަރުން ކަމަށް ބައުޒާ ބުންޏެވެ. ނަމަވެސް ބާސާއިން ވަނީ މެސީގެ ކަނާތުފައިގެ އުކުޅުވަޅު ކައިރިއަށް އަނިޔާވެފައި ވާކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.
"އަނިޔާގެ ހާލަތު ދެނެގަތުމަށްފަހު އަހަރެމެންނަށް އެނގޭނީ ކިހާ ދުވަހެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭކަން. އެއްފަހު ދެން ފަރުވާގެ ކަންތައް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ" ބައުޒާ ބުންޏެވެ.