އަންހެނުންގެ ދުވަސް

ދުވެ ވަރުބަލިނުވި ޒުވާން ވިޔަފާރިވެރިޔާ

ސާޖިދާ މުފީދަކީ މަޝްހޫރު މޫނެކެވެ. ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންގެ މެދުގައި ފަރިތަ މޫނެކެވެ. އެކަމަކު އުމުރުން 23 އަހަރުގެ މި ޒުވާނާގެ ބުންވަރާއި ހިތްވަރު ހަމައެކަނި ފެންނަ ދިމާލަކީ ފިޓްނެސް އާއި އެތުލެޓިކްސްގެ ދާއިރާއެއް ނޫނެވެ.

މިއީ އަދި އެއަށްވުރެން މާ އާދަޔާހިލާފު އަންހެނެކެވެ. ޓްރެކާއި މާލެ ވަށައިގެން އެ ދުވާ ދުވުމަށްވުރެން އޭނާގެ ހިތްވަރު ބޮޑަށް ފެންނަނީ ޕްރޮފެޝަންއެއްގެ ގޮތުގައި ހިޔާރުކޮށްފައިވާ ރަސްމީ ވަޒީފާއިންނެވެ. -- ސާޖިދާ އަކީ ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން ނިކަން ފޯރީގައި އެކަމަކު އެކަނިމާއެކަނި ކާމިޔާބު ވިޔަފާރިއެއްގެ ތެރޭގައި ވެސް ވަރުބަލިކަމެއް ނެތި ކޮންމެ ދުވަހަކު ދުވެ، ބުރު ޖަހަމުން ގެންދާ ފިސާރި އަންހެނެކެވެ.

އުމުރުން 16 އަހަރުގައި އެންމެ ފުރަތަމަ އޭނާ ލޮޖިސްޓިކްސްގެ ދާއިރާ އަށް ވަނީ ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގަ އެވެ. އެއަށް ފަހު އެ ދާއިރާގައި ފައްކާވެ އެންމެފަހުން އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީކޮށް ވިޔަފާރިއާއެކު ދުއްވައިގަތީ އެވެ. ވިޔަފާރީގެ ޕާޓްނަރެއްގެ ގޮތުގައި މަންމަގެ އަތުގައި ހިފައިގެންނެވެ.

އޭނާގެ އޮފީސް ވަރަށް ވެސް ކުޑައެވެ. މޭޒަކާއި ކޮމްޕިއުޓަރަކާއި ގޮނޑިއެއް ބެހެއްޓީމަ އެ ޖާގަ ވަނީ ފުރިފަ އެވެ. އެކަމަކު ސާޖިދާގެ ހިތްވަރު "ވަރަށް ވެސް ބޮޑެވެ."

ތިރީގައި މި އޮތީ މި ޒުވާން ވިޔަފާރިވެރިޔާ އަދި މޭޑް ރަނާސް އާއި އެންޖީއޯ ޖީސީއައި މޯލްޑިވްސްގެ އިސް މަގާމުތަކެއް ވެސް ފުރަމުން އަންނަ، ވަރަށް ބިޒީ ސާޖިދާގެ އިންޓަވިއު އެވެ.

ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް