އެމެރިކާގެ ނިއުޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރަށް ސެޕްޓެމްބަރު 11، 2001 ގައި ދިން ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކަށް ސައުދީ އަރަބިއްޔާއާ ދެކޮޅަށް ދައުވާ ކުރެވޭ ގޮތަށް އެމެރިކާގެ ސެނެޓުން ފާސް ކުރި ބިލް ތަސްދީގް ނުކޮށް އަނބުރާ ފޮނުވާލައިފި އެވެ.
ސެނެޓުން މި ބިލް ފާސް ކުރުމަށް ވޯޓް ދިނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންނެވެ.
އެ ގާނުނުގައި ވަނީ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ހަމަލާ ދިން މީހުން ތަމްރީންކޮށް ފަންޑު ކުރީ ސައުދީ އަރަބިއްޔާއިން ކަމަށާއި އެހެންވެ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ސައުދީ އަރަބިއްޔާއާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށެވެ.
މިދިޔަ ހަފުތާގައި އެސޯސިއޭޓަޑް ޕްރެސްއިން އާންމުކޮށްފައިވާ ރިޕޯޓެއް ގައި ބުނެފައިވަނީ އެމެރިކާއިން ހައްޔަރުކޮށް ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކޮށްފައިވާ އަލްގައިދާއަށް ބޮން ހަދައިދޭ މީހާ އެމެރިކާގެ އަސްކަރިއްޔާއަށް މައުލޫމާތު ދީފައިވަނީ އެ ހަމަލާ ދިނުމަށް އޭނާއަށް ފަންޑުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށެވެ.
ނަމަވެސް ސައުދީ އަރަބިއްޔާއިން ވަނި އެގައުމާ މެދު ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ބިލް ތަސްދީގް ނުކޮށް އަނބުރާ ފޮނުވާލުމަށް ފަހު، ސެނެޓަށް ފޮނުވާފައިވާ ސިޓީގައި އޮބާމާ ވިދާޅުވެފައިވަނީ އެ ގާނުނުގެ ސަބަބުން ޓެރަރިޒަމަށް ވާގިވެރި ނުވާ ގައުމުތަކާއެކު އެމެރިކާގެ މަސްލަހަތު ފުށުއެރުމުން، ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރު ވެގެންދާނެ ކަމަށެވެ.
އެމެރިކާއިން ނެރުނު ތަހްގީގު ރިޕޯޓްގައިވެސް ބުނެފައިވަނީ އެހަމަލާ ދިނުމާ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއާ ވެސް އަދި ސައުދީގެ ދައުލަތާ ވެސް އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އޮބާމާ ވަނީ މިހާތަނަށް 11 ބިލެއް ތަސްދީގް ނުކޮށް އަނބުރާ ފޮނުވާލާފަ އެވެ. މި ބިލް އޮބާމާގެ ތަސްދީގް ނުކުރެއްވި ނަމަވެސް، ގާނުނަކަށް ހެދުމަށް ސެނެޓްގެ ތިން ބައި ކުޅަ ދެ ބައިގެ އަގުލަބިއްޔަތު ބޭނުން ވާނެއެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީއަށް އެވަރުގެ އަގުލަބިއްޔަތެއް ސެނެޓްގައި ނެތެވެ.