ބޭރު ކުޅިވަރު

ފުޓްބޯޅައިގެ ތާރީހް ދުށް އެންމެ ދަށް ކޯޗަކީ އަހަރެން: މޮރީނިއޯ

ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން މީޑިއާއިން ކުރިމަތިވި ފާޑު ކިޔުންތަކަށް ރައްދު ދެމުން މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ އޭނާ ސިފަ ކުރީ ފުޓްބޯޅައިގެ ތާރީހްގައި ދުށް އެންމެ ދަށް ކޯޗުގެ ގޮތުގަ އެވެ.

ފުރަތަމަަ ކުޅުނު ހަތަރު މެޗުން މޮޅުވުމުން މީޑިއާގެ ސަމާލުކަން މޮރީނިއޯއަށް ހުއްޓުނެވެ. ނަމަވެސް ދެން ކުޅުނު ތިން މެޗުން ބަލިވުމުންވެސް އޭނާއަށް އެހާ ބޮޑަށް ފާޑު ކިޔުންތައް އަމާޒުވިއެވެ.

މެންޗެސްޓާ ޔުނައިޓަޑް ލީގް ތާވަލުގެ ހަ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ ހަ ޕޮއިންޓް މަދުންނެވެ.

"ލީގް ތަށި ހޯދުމަކީ ދެން ވަރަށް އުނދަގޫ ކަމެއް. ޕްރިމިއާ ލީގް ތާރިހްގައިވެސް އެއީ ވަރަށް އުނދަގޫ ކަމެއް. ޕްރިމިއާ ލީގްގެ ގިނަ ޓީމުތަކަށް އެކަން ވެފައެއް ނެތް. އޭގެތެރެއިން އެއް ކުލަބަކީ މެންޗެސްޓާ ޔުނައިޓަޑް އަނެއް ޓީމަކީ ދުނިޔޭގެ ތާރީހްގައި ފެނުނު އެންމެ ދަށް ކޯޗް ހޯސޭ މޮރީނިއޯ ކޯޗްކޮށްދިން ޗެލްސީ 2005/2006 ގައި" މީޑިއާއިން އޭނާއަށް ކުރިމަތި ކުރި ފާޑު ކިޔުންތަކަށް ޖެއްސުން ކުރުމުގެ ގޮތުން މޮރީނިއޯ ބުންޏެވެ.

އެންމެ ފަހުން މެން ޔުނައިޓަޑް ކުޅުނު މެޗްގައި އެޓީމުގެ ކެޕްޓަން ވޭން ރޫނީގެ ފަރާތުން، ފެނުނު ދަށް ކުޅުމާ ބެހޭގޮތުން މޮރީނިއޯ ވާހަކަ ދެއްކި އެވެ.

"ރޫނީގެ ފޯމަކީ ޔުނައިޓަޑްގެ ފޯމް، އަހަރެމެންނަކީ ޓީމެއް. މިއީ ވޭން ރޫނީ އެއް ނޫން. އެކަމަކު ގުރޫޕެއްގައި ހުރިހާ އެންމެން ހިއްސާވާނެ ފަދައިން ނުކުޅޭ މީހުން ކުޅުންތެރިންވެސް ހިއްސާވާނެ" ކަމަށެވެ.

"އަހަރެން ކަންބޮޑުވާ ހަމައެކަނި ކަމަކީ އަހަރެންގެ ކުޅުންތެރިންނަށް އަންނަ ފާޑު ކިޔުންތައް. އަހަރެން ބޭނުން ވަނީ އަހަރެންގެ ކުޅުންތެރިން ހިމާޔަތް ކުރަން. އެކަމަކު ކަލޭމެން (މީޑިއާ)ގެ ކިބައިން އަހަންނަކަށް އަހަރެންގެ ކުޅުންތެރިން ހިމާޔަތް ކޮށް ނުދެވުނު" މޮރީނިއޯ ބުންޏެވެ.