- ލޯކަލް އެޖެންޓުގެ ސަބަބުން ވަޒީފާ އުފެދޭދެ
- ރާއްޖޭން ބޭރުވާ ޑޮލަރު އަދަދު މަދު ކުރެވޭ
- ދެެމެހެއްޓެނިވި ޓޫރިޒަމަކަށް މަގު ފަހި ކުރެވޭ
ރާއްޖެ އަންނަ ޓޫރިސްޓުންގެ 25 ޕަސެންޓް ގެންދަނީ ދިވެހި ޓްރެވަލް އެޖެންޓުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި ގެސްޓްހައުސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ލޯކަލް ޓްރެވަލް އެޖެންޓުންގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް މުހިންމު ހިއްސާއެއް ކުރަމުންދާ ކަމަށާއި، މިގޮތުން ގެސްޓްހައުސް ކޮންފަރެންސަކީ ދިވެހި ޓްރެވަލް އެޖެންޓުނަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. ގިޔާސް ވިދާޅުވީ ގެސްޓް ހައުސް ތަކުގެ ސަބަބުން ލޯކަލް ޓްރެވަލް އެޖެންޓުންގެ ވިޔަފާރިއަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ.
"ރާއްޖެ އަންނަ ޓޫރިސްޓުންގެ 25 ޕަސެންޓް މި ދަނީ ދިވެހި ޓްރެވަލް އެޖެންޓުންގެ ތެރެއިން،" ގިޔާސް ވިދާޅުވި އެވެ.
އޭނާވ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގައި ލޯކަލް އެޖެންޓުންގެ ބައިވެރިވުން އިތުރު ކުރުމުން މިހާރު އިގްތިސާދަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ވަޒީފާތަކާއި އާންމުންގެ ބައިވެރިވުން އަދި ބޭރު ފައިސާގެ ދަތިކަން މިހާރަށް ވުރެ ބޮޑަށް ހައްލު ކުރެވޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ. މިހާރަށް ވުރެ ވެސް ބޮޑަށް ދިވެހި ޓްރެވަލް އެޖެންސީތަކަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
"ޒުވާނުންނަށް ދިމާވެފައިވާ ވަޒީފާ ނެތުމުގެ މައްސަލައަށް ހައްލު ލިބި ވަޒީފާ އުފެދޭނެ. ބޭރު ފައިސާގެ ދަތިކަމަށްވެސް ހައްލު ލިބިގެންދާނެ. ރާއްޖޭގެ އިގްތިސާދުން ބޭރުވާ ފައިސާގެ އަދަދު މަދު ކުރެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.
މަޓާޓޯއިން ދަނީ ދިވެހި ޓްރެވަލް އެޖެންޓުނަށް ފުރުސަތު ތަނަވަސް ކުރަން ވަކާލާތު ކުރަމުންނެވެ. މީގެ އިތުރުން ދިވެހި އެޖެންޓުންނާއެކު މަޓާޓޯއިން ވަނީ މި އަހަރު ހަތް ޓްރެވަލް ފެއާއެއްގައި ބައިވެރިވެފަ އެވެ.