ބައިނަލްއަގްވާމީ ދުނިޔެއިން ޕާކިސްތާން އެކަހެރި ކުރުމަށް އިންޑިއާއިން ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާކިސްތާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
އިންޑިއާގެ ކެރަލާ ސްޓޭޓްގެ ކޮޒިހިޑީ ސިޓީގައި ކުރިއަށް ގެންދިޔަ އެއް ވުމެއްގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އިންޑިއާ އިން ޕާކިސްތާން އެކަހެރި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ޕާކިސްތާން ބޭނުންވާ ކަންކަން ކުރިއަށް ގެންދަން ފުރުސަތެއް ނުދޭނެ ކަމަށެވެ.
މޯދީ ވަނީ އޭނާގެ ވާހަކައިގައި ޕާކިސްތާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޕާކިސްތާނަކީ، ދުނިޔޭގައި އޮތް ޓެރަރިޒަމް އެކްސްޕޯޓް ކުރާ ހަމައެކަނި ގައުމު ކަމަށާއި ބަންގްލަދޭޝް، އަފުގާނިސްތާނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތައް ރޭވީ ޕާކިސްތާނުން ކަމަށެވެ.
މޯދީ ތުހުމަތުގައި ވިދާޅުވީ ޕާކިސްތާނުން މަސައްކަތް ކުރަމުންދަނީ ޓެރަރިޒަމް އެކްސްޕޯޓްކޮށްގެން އޭޝިއާ އަކީ ނުކުޅަދޭ ބައްރަކަށް ހެދުމަށް ކަމަށެވެ.
ޕާކިސްތާންގެ ރައްޔިތުންނަށް އަމާޒު ކުރައްވައި މޯދީ ވިދާޅުވީ އަހަރެމެން ދެ ގައުމަށް މިނިވަން ކަން ލިބުނީ އެއް އަހަރެއްގައި ނަމަވެސް އިންޑިއާއިން އެކްސްޕޯޓް ކުރަނީ ސޮފްޓްވެއާ ކަމަށާއި ޕާކިސްތާނުން އެކްސްޕޯޓް ކުރަނީ ޓެރަރިޒަމް ކަމަށެވެ.
މޯދިގެ ރުޅިވެރިކަން ޕާކިސްތާން މެދުގައި ގަދަވެފައި މިވަނީ، މަޝްރަހު ގޯސްވެފައި ވަނިކޮށް މިމަހުގެ 18 ވަނަ ދުވަހު ކަޝްމީރުގައި އިންޑިއާގެ ސިފައިންގެ 12 މީހުން ހަމަލާއެއްގައި މަރުވުމާ ގުޅިގެންނެވެ. އިންޑިއާ އިން ތުހުމަތު ކުރަނީ އެ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށެވެ.
މިދިޔަ ބުދަ ދުވަހު އދ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވިދާޅުވީ ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާން ސުލްހަ ބޭނުން ނަމަވެސް އިންޑިއާއިން ސުލްހަ ބޭނުން ނުވާ ކަމަށާއި ކަޝްމީރުގައި އާންމުނަށްވެސް އިންޑިއާއިން ހަމަލާ ދެމުންދާ ކަމަށެވެ.
"ޕާކިސްތާނުގެ ލީޑަރުންގެ ތަގްރީރަކީ ކަޝްމީރުގެ ޓެރަރިސްޓް މުއްލާއިން ލިޔެ ތައްޔާރުކޮށްފައިވާ ސްޕީޗެއް." އދ މަޖިލީހުގައި ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ދެއްވި ތަގްރީރަށް ފާޑު ވިދާޅުވަމުން މޯދީ ތުހުމަތު ކުރެއްވި އެވެ.
ނިއުކްލިއާ ބާރުވެރިކަމުގެ މައްސަލައިގައި ވެސް މި ދެ ގައުމުގެ ދެ މެދުގައި މިއަހަރު ޖޫން މަހުން ފެށިގެން ވަނީ މައްސަލަ ގޯސްވެފައެވެ.