ދުނިޔެ

ޓްރަމްޕްގެ ކެމްޕޭންގެ އިސްތިހާރަށް އެކަނިވެސް 140 މިލިއަން ޑޮލަރު

Sep 25, 2016

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ބިލިއަނަރު ޑޮނަލްޑް ޓަރަމްޕްގެ ކެމްޕޭންގެ ސިޔާސީ އިސްތިހާރަށް އެކަނިވެސް 140 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ޓްރަމްޕްގެ ކެމްޕޭން އޮފީހުން ނިންމައިފި އެވެ.

ރިއަލްއެސްޓޭޓްގެ ވިޔަފާރީގެ މަހުޖަނެއް ކަމަށްވާ ޓްރަމްޕްގެ އިސްތިހާރުތައް މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ އަށް ވަނަ ދުވާހާ ހަމަޔަށް އެމެރިކާގެ އެންމެ ބޮޑެތި މީޑިއާތަކުން ފޮނުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޓްރަމްޕްގެ ކޮމިޔުނިކޭޝަން ޑިރެކްޓާ ޖަސޮން މިލާ އިއްޔަ އާންމުކުރި އަދަދުތަކުގެ ތެރެއިން 100 މިލިއަން ޑޮލަރު ހޭދު ކުރުމަށް ހަމަޖެހިފައިވަނީ ޓީވީ ތަކުގެ އޮން އެއާއަށެވެ. އަނެއް 40 މިލިއަނަކީ އޮންލައިން އިސްތިހާ ތަކަށެވެ.

ޓްރަމްޕްގެ ކެމްޕޭންގެ އާ ޕްލޭންގެ ސަބަބުން އިދިކޮޅު ޑިމްކޮރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަށް ވުރެ ޓްރަމްޕްގެ މަގުބޫލުކަން އިތުރު ވާނެ ކަމަށް ވަނީ ބެލިވިފަ އެވެ. އަދި އޯގަސްޓް މަހު ހިލަރީ އަށް ވުރެ މަދުން ކެމްޕޭނަށް ހަރަދުކޮށްފައިވާ ޓްރަމްޕްގެ މި ޕްލޭންގެ ސަބަބުން ކެމްޕޭނަށް ކުރާ ހޭދަ ހިލަރީއަށް ވުރެ ދެ ގުނަ އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެމެރިކާގެ ފެޑްރަލް އިލެކްޝަން ބިއުރޯ އިން އާންމު ކުރި ރަސްމީތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އޯގަސްޓް މަހު ޓްރަމްޕް ހޭދަ ކުރެއްވީ 50 މިލިއަން ޑޮލަރެވެ. އެމެރިކާގެ ކެންޓާ މީޑިއާއިން ބުނެފައިވަނީ ހިލަރީ މިހާތަނަށް ކެމްޕޭނަށް ހޭދަ ކުރެއްވީ 124 މިލިއަން ޑޮލަރެވެ.

ޓީވީ އެޑްތަކަށް ހަފުތާއަކުން ޓްރަމްޕް ހޭދަ ކުރައްވަނީ 16.7 މިލިއަން ޑޮލަރެވެ. ހިލަރީ ހޭދަ ކުރައްވާފައިވަނީ 11 މިލިއަން ޑޮލަރެވެ. މިލާ ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ފޮނުވާ ޓީވީ އިސްތިހާރުތައް ފޯކަސް ކުރާނީ ޓްރަމްގެ ކެމްޕޭންގެ މައިގަނޑު ތީމް ކަމަށްވާ އިގްތިސޯދާއި ގާނޫނީވެރިކަމާއި ހަމަޖެހުން ގާއިމް ކުރުމުގެ ދާއިރާތަކަށް ކަމަށެވެ.